ENGLISH
22 އޭޕްރީލު 2025
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނާނީ ރާއްޖޭގެ ޙާލަތަށް ބަލައި ނަތީޖާ ނެރެވޭނެގޮތަށް: އިޙްސާން
08 ފެބްރުއަރީ 2025
|
ރޭ ބެއްވެވި ފޯރަމްގައި ވަޒީރު އިޙްސާން ވާހަކަފުޅުދައްކަވަނީ.
ރާއްޖޭގެ މިވަގުތުގެ ޙާލަތު އޮތްގޮތަށް ބަލައި، އެ ޙާލަތަށް ފަރުވާދެވޭނެގޮތަށް ޤާނޫނުތައް ބައްޓަންވެގެން އައުމަކީ މުހިއްމު ކަމެއްކަމަށާއި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ އިޞްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އިޖުރާއާތްތައް ސާފުވާނެހެން ނަތީޖާ ނެރެވޭނެ ގޮތަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން އެފަދައިން ވިދާޅުވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޙްސާން ވިދާޅުވީ މައްސަލަތައް ޙައްލުކުރުމުގައި، ރާއްޖޭގެ މިވަގުތުގެ ޙާލަތު އޮތްގޮތަށް ބަލައި، އެ ޙާލަތައް ފަރުވާދެވޭނެ ގޮތްތައް ބެލުމާއެކު، އިދާރާތަކަށް ހަލުވި ސްޕީޑް ލިބޭނެގޮތަށް ޤާނޫނުތައް ބައްޓަންކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.
ހަރުކަށި އަދަބުތަކާއި، ދައުލަތުގެ އިދާރާތަކަށް އިތުރު ބާރު ލިބިދޭގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
އިޙްސާން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަދި އެ ވިޔަފާރިން މަންފާ ހޯދާ ފަރާތްތަކާ ދޭތެރޭ ޢަމަލުކުރަން ލިބެނީ ވަރަށް ހަނި ޖާގަތަކެއް ކަމަށެވެ. އަދި، ފަރުވާއަށް މީހުން ގެންދިއުމުގައި ހުރި ހުރަސްތަކާއި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެޅޭ ފިޔަވަޅުތައްވެސް ހުރީ ވަރަށް ހަނިކޮށް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ބޭހޭ ޤާނޫނުގެ އިޖުރަޢާތްތައް އޮންނަގޮތުން ބޮޑަށް ބާރު ލިބެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާއަށް ކަމަށް އިޙްސާން ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާހު ގެންނަން ހުށަހެޅީ ޤާނޫނުގެ ތެރެއިން ފަރުވާދެވޭނެ ގޮތްތަކެއް ބެލުމަށްފަހުގައިކަމަށް އިޙްސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އިންނާނެ މަސައްކަތްކޮށްފަ މި ޤާނޫނު ފަރުމާ ކުރިއިރުވެސް އަދި ފައިނަލް ވަރޝަން މަޖިލީހަށް ހުށަހެޅުނުއިރުވެސް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އެ ލިބިދޭންޖެހޭ ބާރާ އިޚްތިޔާރާ މިހާރު ކޮންމެވެސް ވަރަކަށް އޮޅުމެއްގެ ތެރޭގައި އެހާ ސާފުނުވާގޮތަށް ހެދިފަ ހުރި ބައެއް އިޖުރަޢާތްތަކާއި ކަންކަން ވަރަށް ސާފުވާގޮތަށް އަދި ޕްރެކްޓިކަލްކޮށް އެކަންކުރަން" އިޙްސާން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ އިޞްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ އެ ޤާނޫނުގެ ދަށުން ޙާޞިލްކުރަން ބޭނުންވާ 8 ކަމެއް ހިމެނުމަށްފަހުއެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ އިދާރާތަކަށް ބާރުދިނުމާއެކު، މަސްތުވާތަކެތީގެ މައްސަލަތައް އަވަހަށް ތަޙްޤީގުކޮށް ހަރުކަށި ފިޔަވަޅުއެޅުމާއެކު، ފަރުވާގެ ޚިދުމަތް އަވަސް ކުރެވޭނެގޮތްތައް އިޞްލާޙުގައި ވަނީ ހިމަނައިފައެވެ.