ENGLISH

18 އޭޕްރީލު 2025

Advertisement

ކޯލޯ މުއާނީގެ އެހީގައި ޔުވެންޓަސް އިން ކޯމޯ ބަލިކޮށްފި

08 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ކޯލޯ މުއާނީ، ޕެނަލްޓީ ސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ކޯމޯ އަތުން 1-2 އިން ޔުވެންޓަސް މޮޅުވެއްޖެއެވެ.

މިއީ މިދިޔަ ނޮވެންބަރު މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ޔުވެންޓަސް މޮޅުވި ފުރަތަމަ ފަހަރެވެ.

ކޯމޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ކުރިން ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޔުވެންޓަސް އަށް މި ލަނޑު ޖަހައިދިނީ ފްރާންސްގެ ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ކޯމޯ އަށް އެއްވަރުކޮށްދިނީ އަސާނޭ ޑިއާއޯ އެވެ. މި ގޯލާއެކު ދެ ޓީމު ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެ ޓީމު އެއްވަރުވެގެން އޮވެ، ނިމެންދަނިކޮށް ޔުވެންޓަސް މޮޅުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ބާކީ މިނެޓެއް އޮއްވާ، ލިބުނު ޕެނަލްޓީއަކުން ކޯލޯ މުއާނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ލީގުގައި އެ ޓީމަށް ކުޅެދިން ތިން މެޗުގައި ކޯލޯ މުއާނީ ޖެހި ފަސްވަނަ ގޯލެވެ.

އޭގެފަހުން، ކޯމޯ އަށް އެއްވަރުކޮށްދޭން އަލްބާޓޯ ޑޮސޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މޮޅާ އެކު، ޔުވެންޓަސް ވަނީ 24 މެޗުން 43 ޕޮއިންޓް ހަމަކޮށް، ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް ވުރެ ކުރީގައި އުޅޭ އެޓަލާންޓާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 47 ޕޮއިންޓެވެ.

މި މެޗުން ބަލިވި ކޯމޯ އޮތީ 15 ވަނައިގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު