ENGLISH
22 އޭޕްރީލު 2025
ރާއްޖޭގެ ޒަކާތު ހައުސްއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއަކަށްވާނެ: ޑރ.ޝަހީމް
08 ފެބްރުއަރީ 2025
|
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: ސްނެޕްޝޮޓް
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއަކަށް މުސްތަޤުބަލުގައި ވެގެންދާނެކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވަވައިދެއްވި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ރޭ ބޭއްވި ވަޒީރުންގެ ފޯރަމުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ އާންމުކޮށް ރާއްޖޭގައި ވިސްނިފައި އޮންނަަނީ މުދަލު ޒަކާތް ނެރެފައި މަދު ފައިސާކޮޅެއް ނެރުމުން ޒަކާތުގެ ދައުރު ނިމުނީ ކަމަށް ކަމުގައެވެ.
ނަމަވެސް ޒަަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނަށް އަންނަ ބަދަލުތަކާއި މީސްތަކުންގެ ބޭނުންތައް ބަދަލުވާ ބަދަލުވުމަށް ބަލައި އޭގެ ދައުރު ފުޅާކުރެވޭ ގޮތަށް އޮންނަ ހަމައެކަނި ރުކުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޒަކާތުގައި ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކީވެސް އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ޒަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ އިންތހާ ފަޤީރުކަން ނެތިކޮށްލެވުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ ޒަކާތުގެ ބެހެނިވެރިންގެ ދާއިރާތައް ޒަމާނުގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމާ ގުޅިގެން ނެރެވިގެންދާނެ ނަތީޖާއެއް ކަމުގައި ޑރ.ޝަހީމު ވިދާޅުވިއެވެ.
މިހާރު ޒަކާތާ ގުޅޭ ގޮތުން ރާއްޖޭގައި އޮތް ވިސްނުމަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ނަޤުދު ފައިސާގެ ގޮތުގައި ކޮންމެވެސް މިންވަރަކަށް ފައިސާ ފަޤީރުންނަށް ދިނުން ނުވަތަ ބޭސްފަރުވާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޒަމާނުގެ ބޭނުންތަކާ ފައިހަމަވާ ގޮތަށް އެ ވިސްނުން މިހާރު ބަދަލުވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގައި އާންމުގޮތެއްގައި މިއޮތީ ޒަކާތަށް ލިބޭ ފައިސާއިން މަދު ފައިސާކޮޅެއް ކޮންމެ އަހަރަކު ކޭޝްގެ ގޮތުގައި ފަޤީރު މީހާއަށް ފޯރުކޮށްދެނީއޭ ކޭޝްގެ ގޮތުގައި ނުވަތަ ބޭސްފަރުވާ ކުރުމަށްޓަކައި އެހީތެރިކަމެއް ދެނީއޭ. ޙަޤީޤަތުގައި މިހާރުގެ ޙާޖަތާ ގުޅިގެން މި މަފުހޫމު ބަދަލުވާން އެބަޖެހޭ. ތަރައްޤީވާން އެބަޖެހޭ.،" މިނިސްޓަރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ޝަހީމު ފާހަގަކުރެއްވީ ޒަމާނީ ބައެއް ވަބާތަކުގެ ޝިކާރައަކަށްވެފައި ތިބޭ މީހުން އެކަމުގެ އަޅުވެތިކަމުން ސަލާމަތްކުރުން، ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި އަޅުން މިނިވަންކުރުމަށް އޮތް ބައިގެ މާނައިގެ ތެރޭގައި ޝާމިލުކުރުމެވެ. އެގޮތަށް ފީ-ސަބީލިއްލާހިގެ ތެރޭގައި އިސްލާމްދީނުގެ ޢިލްމާއި ޤުރުއާނުގެ ޢިލްމުގެ އިތުރަށް އިސްލާމީ މުޖުތަމަޢަށް ބޭނުންވާ ދާއިރާތަކުން ތަޢުލީމު ފުޅާކުރުން ފަދަ ކަންކަން ހިމެނިދާނެ ކަމުގައި ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމު ވިދާޅުވި ގޮތުގައި ޒަކާތުގެ ދައުރު ފުޅާކޮށް ޒަކާތުގެ ދާއިރާގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިއްޖެނަމަ ޒަކާތު ހައުސްއަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުއައްސަސާއަކަށް ހެދިދާނެއެވެ.
"މި މަފުހޫމުގެ މައްޗަށް ޝަރުޢީ އުޞޫލުތައް އަލުން ތަރުތީބުކޮށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް މާތްﷲ އިރާދަކުރެއްވިއްޔާ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުއައްސަސާއަކަށްވެގެންދާނެ،" ޝަހީމު ވިދާޅުވިއެވެ.
ޒަކާތުގެ އިޖުތިމާޢީ ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ޒަކާތުގެ ދައުރު ފުޅާކުރެވި ޒަކާތުގެ ކަންކަން ހިންގުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ހިނގައްޖެނަމަ ޒަކާތުގެ ސަބަބުން ދިވެހިރާއްޖެއިން އިންތިހާއީ ފަޤީރުކަން ނެތިކޮށްލެވޭ ދުވަސް ފެނިގެންދާނެ ކަމަށެވެ.