ENGLISH
22 އޭޕްރީލު 2025
ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރާނެ ބަޔަކު ހޯދަން އިޢުލާނުކުރައްވައިފި
08 ފެބްރުއަރީ 2025
|
ގއ.ނަޑެއްލާ، ފޮޓޯ: ގޫގްލް
ހުވަދު އަތޮޅު ދެކުނު ބުރީ ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯއްދަވަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން މިއަދު އިޢުލާނުކުރައްވައިފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އެ ވުޒާރާއިން ޝާއިޢުކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ އެދިވަޑައިގަތުމުގެ މަތިން ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރާނެ ފަރާތެެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައްވާފައިވާ ކަމަށެވެ.
މި ބީލަން ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތަތަކުގެ ގަވާއިދު، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތް ކުރުމުގެ މަސައްކަތްތައް އެވޯޑު ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ އިތުރުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، އެ ޝަރުތުތަކުގެ އަލީގައި އެ ފަރާތްތައް އިވެލުއޭޓުކޮށް ވަޒަންކުރުމުގައި ބަލާނެ މިންގަނޑު މަޝްރޫޢުގެ ބީލަންފޮތުގައި ހިމަނުއްވާފަައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ އަނބުރާ ނުލިބޭ ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި 2025 ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 ދެމެދުގައި ބަނޑޭރި ޕޭ މެދުވެރިކޮށް އެ ފައިސާ ދެއްކޭނެއެވެ.
އަދި މި މަޝްރޫޢާ ގުޅޭ އިތުރު މަަޢުލޫމާތު ބޭނުންވާނަމަ 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ ބަލައިގަންނަވާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ބީލަންތައް އެކަނި ކަމަށެވެ.