ENGLISH
22 އޭޕްރީލު 2025
އިހަވަންދޫ ރޯދަ ބާޒާރު: އެއް ދުވަސް ތެރޭ ވިޔަފާރިއަށް ރަށުން ބޭރުން 1،000 އަށްވުރެ ގިނަ މީހުން
08 ފެބްރުއަރީ 2025
|
އިހަވަންދޫގައި ރޯދަަމަހާ ދިމާކޮށް ކުރިއަށްގެންދާ ބާޒާރަށް ކައިރި ރަށްރަށުން މީހުން އަންނަނީ (ފޮޓޯ/ އިހަވަންދޫ.ކޮމް)
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހއ. އިހަވަންދޫގައި މިއަދު ކުރިއަށްގެންދާ ބާޒާރުން އެ ރަށުގެ ވިޔަފާރިތަކަށް އެއް ދުވަހުން 2 މިލިއަނެެއްހާ ރުފިޔާ ލިބޭނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
އިހަވަންދޫގައި މިއަދު ކުރިއަށްގެންދާ އެ ހަރަކާތާއި ގުޅިގެން 'އެމްއެމްޓީވީ' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަރީބު ވިދާޅުވީ، މިއީ މިފަހަކަށް އައިސް ކޮންމެ އަހަރަކު ދުރާލާ ރޭވިގެން ހދ. ކުޅުދުފުއްޓާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަރީބް ވިދާޅުވީ އެ ރަށުން ބާޒާރު ކުރުމަށް މިއަދު ހެނދުނު 8:45 ގައި ކުޅުދުއްފުށިން 1000 އަށް ވުރެ ގިނަ މީހުން އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބާޒާރާ ދިމާކޮށް ކައިރި ރަށްރަށުގެ ބައެއް މީހުން ދެ ދުވަސް ކުރިން އެ ރަށަށް އައިސްފައިވާ ކަމަށެވެ.
ކައިރި ރަށްރަށުގެ ރައްޔިތުން އިހަވަންދޫއަށް ބާޒާރުކުރަން އަންނަނީ (ފޮޓޯ/ އިހަވަންދޫ.ކޮމް)
"ސީކުއީން އަދި ބާދުޝާހު ބޯޓުން މިއަދު ހާހަކަށް ވުރެ މީހުން ކުޅުދުއްފުށިން އައިސްފައިވޭ"
(ފޮޓޯ/ އިހަވަންދޫ.ކޮމް)
މިއަދަކީ ގިނަ އަދަދެއްގެ މީހުން އެ ރަށަށް އަންނާނެ ދުވަހަކަށް ވާތީ ކައުންސިލުންނާއި ވިޔަފާރިތަކުން ތިބީ ތައްޔާރުވެެގެން ކަމަށް އަރީބް ވިދާޅުވި އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މިއަހަރުގެ ހަރަކާތުން ރެސްޓޯރެންޓާއި ކެފޭތައް ހިމެނޭ ގޮތަށް، އެ ރަށުގެ ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާ އާ 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ލިބިގެންދާނެއެވެ.
"މިއީ މަސްވެރި ރަށެއް ވީމަ ރިހާކުރާ އެފަދަ ތަކެތި ވެސް ވިއްކަން ތައްޔާރުވެގެން ތިބީ. ރެސްޓޯރެންޓާއި ކެފޭތައް ވެސް އެބޭފުޅުންނަށް ކެއުމުގެ ކަންކަން ހަމަޖައްސައިގެން ރެޑީވެގެން ތިބީ. ހުރިހާ ވިޔަފާރިތަކުން ވެސް ތިބީ މިއަދަށް ތައްޔާރުވެގެން."
އަރީބް ވިދާޅުވީ، އެ ރަށުން ރޯދައަށް ވިޔަފާރިކުރަން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އިތުރުން ކައިރި އެހެން ރަށްރަށުގެ ރައްޔިތުން ވެސް އަންނަ ކަމަށެވެ. އެގޮތުން ހއ. އަތޮޅުގެ ބާރަށް، މޮޅަދޫ، މާރަންދޫ، އުލިގަން އަދި ހޯރަފުށީގެ ރައްޔިތުން އެ ރަށަށް ބާޒާރުކުރަން އައިސްފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި އެ ރަށަށް އައި ކޮންމެ މީހަކަށް ވިޔަފާރިވެރިންގެ ފަރާތުން ހަދިޔާއެއް ދިން ކަމަށް ވެސް ވިދާޅުވި އެވެ.
އިހަވަންދޫ ރޯދަ ބާޒާރުގެ ތެރެއިން
އުތުރުގައި އޮންނަ ހަމައެކަނި ސިޓީގެ ރައްޔިތުން ހިމެނޭ ގޮތަށް އެހާ ގިނަ ބަޔަކު އިހަވަންދޫއަށް ވިޔަފާރިކުރަން އަންނަނީ، އަރީބް ވިދާޅުވި ގޮތުގައި އެހެން ރަށްރަށަށް ވުރެ "އަގު ހެޔޮކޮށް" އެ ރަށުން މުދާ ލިބެން ހުންނާތީ އެވެ.