ENGLISH
22 އޭޕްރީލު 2025
އަތޮޅުތަކުން ޑްރަގް ނައްތައިލުމަށް ކުރާ މަސައްކަތް؛ ފުވައްމުލަކު ޑްރަގް ނެޓްވޯކުތައް އެއްކޮށް ނައްތައިލެވިއްޖެ
08 ފެބްރުއަރީ 2025
|
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން، ފޮޓޯ: ސްނެޕްޝޮޓް
އަތޮޅުތަކުން ޑްރަގް ނެޓުވޯކުތައް ނައްތައިލުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީގައި ޑްރަގުގެ ވިޔަފާރިކުރާ ހުރިހާ ވިއުގައެއް މިހާރު ނެތިކޮށްލެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
އިޙުސާން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމުގައި މިނިސްޓަރު ދާއިރާގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކާއި ކުރައްވަން ނިންމަވާފައިވާ މަސައްކަތްތަކަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިޙުސާން ފާހަގަކުރެއްވި ގޮތުގައި ޑްރަގުގެ ސަޕްލައި ދަށްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު 2023 ވަނަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ އެތައް ގުނައެއް އިތުރަށް 2024 ވަނަ އަހަރު މަސްތުވާތަކެތި އަތުލައިގަނެވި ރާއްޖޭގެ މަގުތަކަށް އެތަކެތި ނުކުތުން ހުއްޓުވިފައިވާކަން އިޙުސާން ފާހަގަކުރެއްވިއެވެ.
"2023 ވަނަ އަހަރު އަޅުގަނޑުމެން ޙަވާލުވިއިރުގައި ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ޑްރަގްސްވަނީ އިންޓަސެޕްޓުކޮށްފަ އޭގެ ކުރީ އަހަރު. މިދިޔަ އަހަރު އަޅުގަނޑުމެންގެ މަސައްކަތުން 1.2 ބިލިއަން ރުފިޔާގެ ޑްރަގްސްވަނީ ރާއްޖޭގެ މަގުތަކަށް ދިއުމުގެ ކުރިން އިންޓަސެޕްޓުކުރެވިފަ،" - މިނިސްޓަރ ޢަލީ އިޙުސާން
އިޙުސާން އިތުރަށް ވިދާޅުވީ އަތޮޅުތަކުގައި ހިނގާ ހުރިހާ ޑްރަގު ނެޓުވޯކުތައް ނައްތައިލުމުގެ މަސައްކަތްތަކެއް ސަރުކާރުން ހިންގަވަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ފުވައްމުލަކުގައި ހިންގާ ޑްރަގު ނެޓްވޯކުތައް އެއްކޮށް ހުއްޓުވާފައިވާކަމަށް ވިދާޅުވެ އިޙުސާން ފާހަގަކުރެއްވީ އެ ސިޓީގައި ޑްރަގު ވިޔަފާރީގެ އިސްވެރިންގެ ގޮތުގައި ތިބި އެންމެން އަތުލައިގަނެފައިވާ ކަމަށެވެ.
"އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން، " - މިނިސްޓަރ ޢަލީ އިޙުސާން
ޑްރަގުގެ ސަޕްލައި މަދުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އިތުރަށް ޑްރަގުގެ ޑިމާންޑު ދަށްކުރުމުގެ ގޮތުން ޑުރަގަށް ދެވިހިފާފައިވާ މީހުން އެކަމުން ދުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިޙުސާން ފާހަގަކުރެއްވިއެވެ.
ސަރުކާރު ބަދަލުވިއިރު ކޯޓުން އަމުރުކޮށްގެން ޑްރަގު އެޑިކްޝަނަށް ފަރުވާކުރަންޖެހި ފަރުވާ ނުލިބި 700 އެއްހައި މީހުން ތިބިކަން ފާހަގަކުރައްވައި އިޙުސާން ވިދާޅުވީ އެއް އަހަރު ދުވަހުގެ މަސައްކަތުން އެ މީހުންގެ 85 އިންސައްތަ މީހުންނަށް ފަރުވާ ދޭން ފެށިފައިވާކަމަށެވެ. އަދި ފަރުވާދޭން ފެށި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ފަރުވާވެސް ނިންމާފައިވާ ކަމަށެވެ.
އިތުރަށް އިޙުސާން ފާހަގަކުރެއްވީ މީގެ ކުރިން މާލޭގެ މަގުތައް މަތީގައި ބިތްޖެހިފައި ތިބި ޒުވާނުން ފެންނަމުންދިޔަ މިންވަރަށް މިހާރު އެފަދަ ޒުވާނުން ނުފެންނަ ކަމަށެވެ. އެއީ ޑްރާގް ރިމާންޑް ސެންޓަރު ހުޅުވައި އެތަންތަނަށް އެފަދަ ޒުވާނުން ގެންގޮސް އެމީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާތީކަން އިޙުސާން ފާހަގަކުރެއްވިއެވެ.
އެ މަސައްކަތުގެ މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ މާލޭގައި ބީއެމްއެލް ސަރަހައްދުން ކުރިން ވަރަށް ގިނައިން ފެނުނު މީހަކު ރިމާންޑް ސެންޓަރަށް ގެންދެވި އިލެކްޓްރިކަލް އިންޖިނިއަރިން ކޯހެއްގައި އެންރޯލުކުރެވި ކިޔަވަން ފަށާފައިވުމާއި، އޭނާގެ ކުރެހުންތައް ދައްކައިލައި އެތަކެތި ވިއްކޭނެ މަގުތައް ފަހިކޮށްދެވިފައިވުމެވެ.
އިޙުސާން އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުން އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ތެރެއިން އަނބުރާ މުޖުތަމަޢަށް ގެންނެވުން ކަމަށެވެ.