ENGLISH
22 އޭޕްރީލު 2025
ދެ އިންތިހާބު އެއްކޮށްލުން: ހައްލު ބޭނުންވެފައިވާ މައްސަލައަކަށް އޮތް ރަނގަޅު ޚިޔާލެއް
08 ފެބްރުއަރީ 2025
|
2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ވޯޓު ލައްވަނީ
ފުލުފުލުގައި އިންތިހާބުތައް ބާއްވައި އެކަންކަމަށް ބޮޑު ޚަރަދުކުރުމަކީ ރާއްޖޭގައި އޮތް ވަރަށް ނުރަނގަޅު ސަގާފަތެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދެމެދު ހޭދަވަނީ އެންމެ ހައެއްކަ މަސް ދުވަހެވެ. ކޮންމެ އިންތިހާބަކަށް ދައުލަތުގެ ވަސީލަތްތަކާއި ބޮޑު ޚަރަދެއް ހޭދަވާއިރު، ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، ވަކި ބަޔަކަށް ފައިދާ ބޮޑުވުމުގެ ފުރުސަތު އޮންނަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިކަން ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސް ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ވެރިކަމާ ޙަވާލުވި އިރު ހުއްޓިފައިވާ މަޝްރޫޢުތަކެއް ހުރި. އަދި އިންތިޚާބާ ދިމާކޮށް އެއްވެސް ބަޖެޓެއް ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށްވެސް މަސައްކަތް ނުފެށިހުރި މަޝްރޫޢުތަކެއް ވެސް ހުރި" - ރިޔާސީ ބަޔާން އިއްވަވުން ރައީސް ޑރ. މުއިއްޒު ވިދާާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/ މަޖިލީސް)
މިކަން ހުއްޓުވުމަށް ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނު އަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވި އެވެ. އެކަން ކުރެވިއްޖެނަމަ 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަފުޅު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ވެސް ރައީސް ވަނީ ތަކުރާރުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރު އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސްގެ އެ ވިސްނުންފުޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތާއީދުކުރެ އެވެ. އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއްކޮށްލައިފި ނަމަ، ހަރަދާއި މަސައްކަތުގެ ގޮތުން ވެސް އެ ކޮމިޝަނަށް ލުއިވާނެ ކަމަށެވެ. އަދި އެއީ ގައުމުގެ މާލީ ހާލަތު އޮތް ގޮތުން ކުރަން މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގް
2023 ގައި ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދު ކުރެވުނުއިރު، ޖެހިގެން އައި 2024 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި 10 އަހަރު ހޭދަކުރެއްވި ފުއާދު ގަބޫލުކުރައްވާ ގޮތުގައި 150 މިލިއަން ރުފިޔާ އަށް ދެ އިންތިހާބު އެއްކޮށް ބާއްވައި ގާތްގަނޑަކަށް 45% ޚަރަދު ކުޑަކުރެވޭނެ އެވެ.
ކޮންމެ އިންތިހާބަކާއި އެކު ރައްޔިތުންގެ އެކަންކަމަށް ދޭ ތަރުހީބު ކުޑަވުމަކީ ވެސް އެ ކޮމިޝަންގެ ކަންބޮޑުވުމެކެވެ. ތަފާސްހިސާބުތަކަށް ބަލާލާއިރު ނިމުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ނުކުތީ 85% މީހުން ނެވެ. ކުޑަ ދުވަސްކޮޅެއް ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި ވޯޓު ލާން ނުކުތީ 75% މީހުން ނެވެ. އެއީ ކުރީ އިންތިހާބާއި އަޅާބަލާއިރު 10% މަދު އަދަދެކެވެ. އީސީން ގަބޫލުކުރާ ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން މި މައްސަލައަށް ވެސް ހައްލެއް އަންނާނެ އެވެ.
ގާސިމް އިބްރާހީމް (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
އީސީއާއި އެއްގޮތަށް، ދެ އިންތިހާބު އެއްކޮށްލުމާ ގުޅިގެން ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އިބްރާހީމް ތާއީދުކުރެއްވި އެވެ. ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވާތީ މަގާމާއި ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ މިކަމަށް އޮތް ހައްލެއްކަން ފާހަގަކުރައްވަމުން ވެސް ގާސިމް ވަނީ މިކަމުގައި ދެކޮޅަށް ދެއްކޭނެ ވާހަކަތަކެއް ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެ ހުރިހާ ކަމަކާ އެކީގައި ވެސް އަޅުގަނޑު ދަންނަވަން މިއުޅެނީ ނެތެއްނޫންތޯއޭ ދެވަނަ ފަހަރަށް ދެވަނަ ދައުރަކަށް އަދި އެއްވެސް ބޭފުޅަކު ހޮވިވަޑައިގެންފަ. އެހެންމަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބާއްވަވައިފީވިއްޔާ އެއީ އޭރެއްގެ ސަރުކާރަށް ލިބޭ ރަނގަޅެއްތޯ އެޑްވާންޓޭޖެއްތޯ، ނުބަތަ ޑިސްއެޑްވާންޓޭޖެއްތޯ ... މާޒީގައި ކަންތައްތައް ގޮސްފަ އޮތް ގޮތަށް ބަލާއިރު އެއީ މި ސަރުކާރަށް އޮތް ޑިސްއެޑްވާންޓޭޖަކަށް ވެސް ވެދާނެ. އެހެން މިފެންނަނީ ދެއްތޯ؟. އެހެންނަމަވެސް ގުޑް އިންޓެންޝަނެއް އޮތްކަން އެބައިނގޭ ދެއްތޯ ރައީސް މުއިއްޒު މިހެން ވިދާޅުވީމާ" - ރާއްްޖޭގެ 3 ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވަން ބަލާއިރު ކޮންމެވެސް އެއް ބާރެއްގެ ދައުރުގެ މުއްދަތަށް ބަދަލު ގެންނަން ޖެހޭނެ އެވެ. އެންމެ އަވަހަށް އެ ދެ އިންތިހާބުގެ ތެރެއިން ދެން ބާއްވާނީ ރިޔާސީ އިންތިހާބަށްވާއިރު ރައީސްގެ ވިސްނުންފުޅަކީ 2028 ވަނަ އަހަރު ދެ އިންތިހާބު އެކު އެކީގައި ބޭއްވުމެވެ. އެ އަހަރު ދެ އިންތިހާބު އެކުއެކީގައި ބާއްވާނަމަ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެ އެވެ.
މިކަން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައިވަނީ ރައްޔިތުންނަށެވެ. ގާނޫނު އަސާސީ ބުނާގޮތުން މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތަށް ބަދަލެއް ގެންނަން ފާސްކުރާ އިސްލާހެއް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. އެ ވޯޓުގައި ރައްޔިތުން އެގޮތަށް ތާއީދު ނުކުރާ ނަމަ އެ ބަދަލެއް ނުގެނެވޭނެ އެވެ.