ENGLISH
22 އޭޕްރީލު 2025
ދުނިޔޭގެ އެންމެ ބޮޑު އެއް އޮފްޝޯ ސޯލާ ޕެނަލް ސިސްޓަމް ރާއްޖޭގައި
08 ފެބްރުއަރީ 2025
|
ރާއްޖޭގައި ޤާއިމްކުރުމަށް ނިންމާފައިވާ އޯފްޝޯ ސޯލާ ޕެނަލް ސިސްޓަމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އޯފްޝޯ ސޯލާ ޕެނަލް ސިސްޓަމަށް ވާނެ ކަމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި 15 މެގަވޯޓް އިއާދަކުރަނިވި ހަކަތަ އިތުރުކުރެވިއްޖެކަމަށެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ ޖީޑީޕީގެ 14 އިންސައްތައަކީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްކުރާ ޚަރަދު ކަމަށެވެ. މިއީ ވަރަށް ބޮޑު ޚަރަދެއްކަމަށާއި އަދި ދައުލަތުން ދޭ ބޮޑު ސަބްސިޑީއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަންތައް މަދުކުރުމަށާއި މޫސުމީގޮތުން ދިމާވާ ހުރަސްތަކުގެ ސަބަބުން ތެޔޮ އެތެރެކުރަން އުނދަގޫވެއްޖެ ހާލަތެއްގައި ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ނަމަ ރަށްރަށުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ދިވެހި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ވެސް ހަކަތަ ޖެނެރޭޓްކުރަނީ ތެލުންކަން ފާހަގަކުރައްވައި މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ތެޔޮ އެތެރެކޮށް ތެލުން ހަކަތަ އުފެއްދުމުގައި އެކިއެކި މައްސަލަތަކާއި ކުރިމަތިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް މަދުކުރެވިގެންދާނީ އިއާދަކުރަނިވި ހަކަތަ އިތުރުކުރެވުނު މިންވަރަކަށްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު މި ބަލަނީ ބައެއް ރަށްރަށަކީ ހަމަ ގާތްގަނޑަކަށް 8 ގަޑިއިރު އެއްގޮތަކަށް ވެސް ކަރަންޓު، ޑީސަލް ޖެނެރޭޓަރުން ހިންގާ ޕަވަރ އުފައްދާ ރަށްރަށަށް ނުހެދުން، ރައީސުލްޖުމްހޫރިއްޔާގެ އެއް އަމާޒު އެއީ ރާއްޖޭގެ އެއް ރަށް، ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ވަޑައިގެންނެވި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރ. ވާދޫގައި އިއުލާން ކުރައްވާފައި އޮތީ އެރަށަކީ އެއީ 24 ގަޑިއިރު، ކަރަންޓުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައިން ދެވޭ ރަށަކަށް ހަދަން މަސައްކަތް ކުރައްވާނެކަމަށް، " - މިނިސްޓަރ ޠާރިޤް އިބްރާހީމް
މިކަންކަން ފާހަގަކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުން ތެލަށްކުރާ ޚަރަދު މަދުކުރެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓަށް ކުރިއެރުވުމަށް ކުރާ އެހެން ޚަރަދުތަކަށް ފައިސާ އިތުރުކުރެވިގެންދާނެކަމެވެ.
އަދި ގޭބީސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރިއަށްގެންދާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ މީގެ ޢަމަލީ މަސައްކަތް ހއ. ފިއްލަދޫގައި ފައްޓަވާދެއްވާފަކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.