ENGLISH

22 އޭޕްރީލު 2025

Advertisement

މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކޮށްފައިވަނީ ދީނީ ތަރުބިއްޔަތަށް އިސްކަންދީގެން: ޑރ.ޝަހީމް

08 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ ދިވެހިރާއްޖޭގައި އިސްލާމީ ތަރުބިއްޔަތު ފެތުރުމަށް ވަރަށް ބޮޑަށް އިސްކަންދެއްވައިގެންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ފާއިތުވި ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ރޭ ބޭއްވި ވަޒީރުންގެ ފޯރަަމުގައި ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ، ރައީސް މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދެއްވި ތަޤުރީރާއި އޭގެ ފަހުން ދެއްވި އެހެނިހެން ތަޤުރީރުތަކުގައިވެސް ދީނީ ތަރުބިއްޔަތު ލިބިފައިވާ އިސްލާމީ ޞިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައްވާފައިވާ ކަމަށެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އިސްލާމީ ތަޞައްވުރާއި، އިސްލާމީ ވުޒާރާގެ މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ދީނާ ގުޅުންހުރި އުޞޫލުތަކާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުމަށް ތަންފީޒުކުރަންޖެހޭ އުޞޫލުތަކުގެ މައްޗަށް ކަމަށެވެ. 

ދީނީ ހަރުކަށި ފިކުރާއި ދީން ޤަބޫލުނުކުރުމުގެ ފިކުރީ އޮއިވަރު މުޅި ދުނިޔޭގައިވެސް ފެތުރެމުން އަންނަކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ އެ ފިކުރީ އޮއިވަރުތަކުގެ އަސަރު ރާއްޖެއަށްވެސް މިހާރު ފޯރަމުންދާ ކަމަށެވެ. ރާއްޖޭގައިވެސް ހަރުކަށި ފިކުރުގައި ޖެހިގެން ހަނގުރާމައިގެ މައިދާނުތަކަށް މީހުން ފުރައިގެންދާ ވާހަކަ ފަދަ ވާހަކަތަައް އަޑުއިވޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން އެ މައްސަލަ ޙައްލުނުކުރެވޭކަން އެހެނިހެން ޤައުމުތަކުގެ ތަޖުރިބާއިން ސާބިތުވެފައިވާ ކަމަށެވެ. 

އަދި އިސްލާމީ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ދީނުގައި ޙައްދުފަހަނައެޅުމާއި ދީން ދޫކޮށްލުމުގެ މައްސަލަތަކަށް އޮތް ޙައްލަކީ ޢިލްމީ ގޮތެއްގައި އެކަންކަމާ ކުރިމަތިލައި ހޭލުންތެރިކަން އިތުރުކޮށް ރަނގަޅު ގޮތް ބަޔާންކޮށްދެއްވުންކަމަށް މިނިސްޓަރ ޝަހީމު ވިދާޅުވިއެވެ. 

ރައީސްގެ ބަޔާނުގައި އިޝާރާތްކުރެއްވި ރިސާލަތު ޕްރޮގުރާމަކީ މިދެންނެވި މައްސަލަތަކަށް ޙައްލު ހޯދުމަށް އިސްތިރާޖީ ގޮތެއްގައި އެކުލަވާލާފައިވާ ޕްރޮގުރާމެއްކަމަށާއި، އެ ޕްރޮގުރާމު އެކުލަވާލާފައިވަނީ އިސްލާމީ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ އައު މައްސަލަތައް ޙައްލުކުރުމަށް އަމާޒުކުރެވިގެން ކަމަށެވެ. 

"ރައީސް އިއްޔެގެ ޚިތާބުގައި ބަޔާންކުރެއްވި ރިސާލަތު ޕްރޮގުރާމުގެ ވާހަކަ. ރިސާލަތު ޕްރޮގުރާމަކީ އިސްތިރާޖީ ތަރުބަވީ ދަަޢަވީ ޕްރޮގުރާމެއް. މި ޕްރޮގުރާމު ފަރުމާކުރެވިފައިމިވަނީ ދީނުގައި އޮންނަ ރަނގަޅު ގޮތް ބުނެދިނުމުގެ މައްޗަށް. ޚާއްޞަކޮށް މިހާރުގައި ފެންމަތިވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ދީނީ އެކި މައްސަލަތަކާ ގުޅުވައިގެން މި ޕްރޮގުރާމު ފަރުމާކޮށްފައިވަނީ އެކަންކަމަށް ފަރުވާ ލިބޭ ގޮތަކަށް." - އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ޢަލީ ސަޢީދު 

ވެރިންނާއި ޢާންމުން ކާފިރުކުރުމުގެ މައްސަލަތަކަކީ އިސްލާމީ ޤައުމުތަކުގައި މިހާރަކަށް އައިސް ވަރަށް ޢާންމުވެފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަންކަމުގައި ދީނުގައި ކަން އޮތް ގޮތް ރަނގަޅަށް ބުނެދެވޭނަމަ އެ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށެވެ. 

އިތުރަށް ޑރ.ޝަހީމު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ދީނީ ގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުމަށް އެންމެ ރަނގަޅު އަދި ހަރުދަނާ އުޞޫލަކަށްވާނީ އެ މައްސަލަތަކުގެ އަޞްލު ސަބަބަށް ވާޞިލުވެ އެ މައްސަލަކާމެދު ޢިލްމީ ގޮތެއްގައި ވާހަކަދެކެވި ރަނގަޅު ހެޔޮ ގޮތް ބަޔާންކޮށްދިނުމެވެ. 

ރައީސްގެ ރިޔާސީ ބަޔާނުގައި ދީނީ ދާއިރާއިން ފާއިތުވި އަހަރެއްހައި ދުވަހު ކުރެވުނު ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުވައިލެއްވުމާއެކު ކުރިއަށް އޮތް އަހަރު ތެރޭ ހިންގަވަން ގަސްތުކުރައްވާ މުހިއްމު ބައެއް މަޝްރޫޢުތަކާއި މަސައްކަތްތަކުގެ ތަފުޞީލު ބަޔާންކޮށްދެއްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު