ENGLISH

22 އޭޕްރީލު 2025

Advertisement

ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތް ފަށާަ ތަޢުލީމުގެ މަރުޙަލާއަށް މި ސަރުކާރުން އިސްކަންދޭނެ: ޑރ.ޝަފީޢު

08 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީޢު

ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތް ފަށާ ތަޢުލީމުގެ މަރުޙަލާއަށް މި ސަރުކާރުން އިސްކަންދެއްވައި އެ މަރުޙަލާގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެ މަރުޙަލާގައި މަސައްކަތްކުރައްވާނެ ކަމުގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ފާއިތުވި ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ރޭ ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަަރު ޝަފީޢު ވިދާޅުވީ ގެދޮރުވެރިކަން ފިޔަވައި މި އަހަރު ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަކީ ތަޢުލީމު ފުޅާކުރެއްވުމާއި ޢިލްމީ ކުރިއެރުން ހޯދައިދެއްވުން ކަމަށެވެ. 

އަދި ތަޢުލީމީ ދާއިރާއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ރައީސް ދެއްވަން ނިންމަވާފައިވަނީ ޕްރައިމަރީ ތަޢުލީމަށްކަން ފާހަގަކުރައްވަމުން ޑރ.ޝަފީޢު ވިދާޅުވީ ޕްރައިމަރީ ތަޢުލީމަކީ އެ މައްޗަށް އެހެނިހެން ހުރިހާ ތަޢުލީމެއް ބިނާވާ ތަޢުލީމުކަމަށްވާއިރު ރާއްޖޭގައި ޕްރައިމަރީ ތަޢުލީމު އޮތީ ކަންބޮޑުވާންޖެހޭ ޙާލަތެއްގައި ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޕްރައިމަރީ ތަޢުލީމުގެ ޙާލަތު ހީނަރުވެއްޖެނަމަަ ކުރިއަށް އޮތް ތަނުގައި އެއީ ޤައުމު ބިނާކުރުމުގެ މަސައްކަތަށް ނުހަނު ބޮޑު ގޮންޖެހުމަކަށްވާނެއެވެ. އެހެންކަމުން އެކަމަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު ދަންނަވައިލަަން ބޭނުންވަނީ ޕްރައިމަރީ ތަޢުލީމަކީ އޭގެ މައްޗަށް ހުރިހާ ތަޢުލީމެއް ބިނާވެގެންވާ އަސާސް. ރާއްޖޭގެ ޕްރައިމަރީ އެޑިއުކޭޝަން މިއޮތީ ކަންބޮޑުވާ ލެވެލްއެއްގައި. އެހެންވީމާ ޕްރައިމަރީ އެޑިއުކޭޝަން ތަރައްޤީކޮށްގެން ހަރުދަނާކޮށްގެން، ދެވޭ ތަޢުލީމުގެ ފުރުޞަތު ރަނގަޅުކޮށްގެން މެނުވީ އަޅުގަނޑުމެންނަށް ޙަޤީޤަތުގައިވެސް ޤައުމު ބިނާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ފެންނާތީވެ އެމަނިކުފާނު އެވާހަކަފުޅު ދެއްކެވީ"

އަދި ފާއިތުވި ފަނަރަވަރަކަށް އަހަރު ތެރޭގައި ޕްރައިމަރީ ތަޢުލީމު ރަނގަޅުކުރުމަށް އިސްކަންދިނުމުގެ ވާހަކަ އެއްވެސް ރައީސަކު ނުދައްކަވާ ކަމަަށާއި، ދައްކަވަނީ އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ ރަނގަޅުކުރުމުގެ ވާހަކަ ކަމަށާއި، ސަރުކާރުތަކުން ތަކުރާރުކޮށް އެތައް މަސައްކަތެއް ކުރިއިރުވެސް އެކަން އޮތީ ހާސިލުނުކުރެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޑރ.ޝަފީޢު އިތުރަށް ވިދާޅުވީ ރައީސް އެޑްރެސްކުރެއްވީ އަސްލު މައްސަލައަށްކަމަށާއި، އެމަނިކުފާނުގެ ތަޞައްވުރަކީ އެންމެ ތުއްތުއިރުއްސުރެ ދިވެހި ކިޔަވާ ކުދިންނަށް ރަނގަޅު ތަޢުލީމީ ބިންގަލެއް ނުވަތަ އަސާސެއް ބިނާކޮށްދެއްވުން ކަމަށެވެ. 

އިތުރަށް ޕްރައިމަރީ ތަޢުލީމުގެ ޙާލަތު ރާއްޖޭގައި އޮތް ގޮތަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ ހިސާބާއި ދިވެއްސާއި އިނގިރޭސިން ޕްރައިމަރީ ގްރޭޑުތަކުގެ ދަރިވަރުން ހޯދާ ނަތީޖާ އަހަރުން އަހަރަށް ދަށްވަމުން ގޮސްފައި އޮތް ކަމެވެ. އެގޮތުން 2015 ވަނަ އަހަރު 58 އިންސައްތަ ދަރިވަރުން ހިސާބު މާއްދާއިން ފާސްވި ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް ހިސާބު މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް 47 އިންސައްތައަށް ދަށްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ގާތްގަނޑަކަށް ދެބައިކޮށްފައި އެއްބައަށްވުރެ ގިނަ ދަަރިވަރުންނަށް ނޭޝަނަލް ކަރިކިއުލަމްގައި ބަޔާންކުރާ މިންވަރު ހާސިލުނުވާތަން ފެނިފައި އޮތީ. ދެން އޮތީ އަޅުގަނޑުމެންގެ މާދަރީ ބަސް އެއަށްވުރެ މާ ދަށުގައި. އިނގިރޭސި މާއްދާއަށް ބަލާއިރުގައި ކުރިއެރުމެއް ނުލިބި 54- 56 ހާ ހިސާބުގައި ހިފަހެއްޓިފައި. " - ޑރ.އިސްމާއީލް ޝަފީޢު 

ހިސާބު މާއްދާއަކީ ކަންކަމާމެދު ވިސްނުމަށް ދަރިވަރުން ތަމްރީނުކުރުމުގައި މުހިއްމު މާއްދާއެއްކަން ފާހަގަކުރައްވަމުން ޑރ.ޝަފީޢު ވިދާޅުވީ އެފަދަ މުހިއްމު މާއްދާތަކުގައި ފަށާ ތަޢުލީމުގެ މަރުޙަލާގައި ދަށް ނަތީޖާތަކެއް ދަރިވަރުންނަށް ލިބޭނަމަ އެކަމުގެ ނޭދެވޭ އަސަރު މުސްތަޤުބަލުގައި ކުރާނީ އެހެން މަރުޙަލާތަކުގައި އެކުދިންނަށް ލިބޭ ތަޢުލީމަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބުރާސްފަތިދުވަހު ދެއްވެވި ރިޔާސީ ބަޔާނުގައި ޕްރައިމަރީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ދަރިވަރުން ބޭނުންކުރާ ކޮންޓެންޓު މުރާޖަޢާކޮށް ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި، ޕްރައިމަރީ ތަޢުލީމު ހަރުދަނާކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ފައްޓަވާފައިވާކަން އިޢުލާނުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު