ENGLISH
07 ޖުލައި 2025
ރިޔާސީ ބަޔާން 2025 ފޯރަމް: މިރޭ ބައިވެރިވެޑައިގަތް ހަތަރު ވަޒީރުން ވިދާޅުވީ އެ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް މި އަހަރު ކުރިއަށް ދާނެކަމަށް
07 ފެބްރުއަރީ 2025
|
މިރޭ ކުރިއަށް ގެންދެވި ރިޔާސީ ބަޔާން 2025 ފޯރަމް.
ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަވާ "ރިޔާސީ ބަޔާން 2025" ފޯރަމްގައި މިރޭ ބައިވެރިވެވަޑައިގެން ވަޒީރުން އެ ދާއިރާތަކުން މިދިޔަ އަހަރު ހާސިލު ކުރެވުނު ކުރިއެރުންތައް ފާހަގަ ކުރައްވާ، މި އަހަރު އެ ދާއިރާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެކަމަށް ވިދާލުވެއްޖެއެވެ.
ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ލީގަލް އެފެއާރޒް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހުށަހެޅުއްވި ފޯރަމުގައި މިރޭ މައުލޫމާތު ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ތައުލީމީ ދާއިރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ ޢިޙްސާން އަދި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި މި އަހަރުގެ ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް ކަމަށާއި ވަރަށް ގިނަ ދާއިރާތަކުން މި އަހަރު ކުރިއެރުން އަންނާނެކަމަށް ޝައްކު ނުކުރައްވާކަމަށެވެ. ޝަހީމް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުޅި ދުނިޔޭގައިވެސް އިސްލާމީ ހަރުކަށި ފިކުރާއި ދީން ޤަބޫލު ނުކުރާ މީހުންގެ މައްސަލަ އިތުވެފައިވާއިރު، އެކަން ހައްލުކުރުމަށް ދީނީ އިލްމު ފުޅާކުރެއްވުމުގެ މުހިންމު ކަމެވެ.
މިނިސްޓަރ ޝަފީޢު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އަކީ ފަހަކަށްއައިސް ފަށާތައުލީމުގެ މުހިންމުކަން ފާހަގަކުރެއްވި ހަމައެކަނި ރައީސްކަމަށާއި ރާއްޖޭގައި ޕްރައިމަރީ މަރުހަލާގެ ދަރިވަރުންގެ ނަތީޖާތައް އޮތީ ކަންބޮޑުވާންޖެހޭ މިންވަރަށް ދަށްވެފައިކަމަށެވެ. ހާއްސަކޮށް ހިސާބުން ފާސްވާ ދަރިވަރުންގެ ނިސްބަތް ވަރަށް ދަށްއިރު، އޯލެވެލްހަދާ ކުދިންގެ ދެބައިކުޅަ އެއްބައި ކުދިންގެ ނަތީޖާ ދަށްވުމަކީ ވެސް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަށް އަޅިއަޅުއްވާ ލައްވާ މިނިސްޓަރ ޢިޙްސާން ވިދާޅުވީ ރައްޔިތުންނަށް އަމާން ޤައުމެއް ބިނާކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މަސްތުވާ ތަކެއްޗާއި ކުޑަކުދިންގެ ކަރާމަތް ރައްކާތެރިކުރުމާއި ބިދޭސީންގެ މައްސަލަ އާއި ކުށްކުރުން މަދުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ޙިދުމަތްތައް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީން ލިބިދޭ ފަސޭހަތައް ބޭނުންކޮށް ޓްރާންސްޕޭރަންސީ އިތުރުކުރުމަށްވެސް މަސައްކަތް ކުރައްވާކަމަށެވެ. ޢިޙްސާން ވިދާޅުވި ގޮތުގައި ބީދޭސީންގެ މައްސަލް ހައްލުކުރުމަށް ކުރާ މަސައްކަތުގަ އާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް ނެރުމުގައިވެސް ފާހަގަ ކުރެވޭ ކުރިއެރުންތަކެއް ލިބެމުން އާދެއެވެ.
ދާދިފަހުން ފަތުރުވެރިކަމުގެ ދާއިރާ އާ ވެސް ހަވަލުވެ ވަޑައިގަތް ޠާރިޤް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމާއި ކުރިއެރުވުމަށް ރާއްޖޭގެ ތިމާވެށި ވެސް ހިމާޔަތް ކުރަންޖެހޭ ކަމަށެވެ. ރައީސް ޑރ. މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް ވައިޑް ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ފެށުނުކަން ފާހަގަ ކުރައްވާ ޠާރިގް ވިދާޅުވީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުންނާއި، ޑޮމެސްޓިން އެއާޕޯޓުތައް ތަރައްގީކުރެވި އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާވުމުން މުޅި ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ކުރިއެރުންލިބޭނެކަމަަށެވެ.