ENGLISH
07 ޖުލައި 2025
މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން ވަޒީރު މުއްޠަލިބު ދެއްވައިފި
07 ފެބްރުއަރީ 2025
|
ވަޒީރު ޢަބްދުﷲ މުއްޠަލިބު ހދ. މަކުނުދޫ މީހުނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ޕީއެސްއެމް
ހދ. މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.
އިމާރާތްކުރުމާބެހޭ ވަޒީރު މި ޔަޤީންކަން ދެއްވީ މަކުނުދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ޑރ. މުއްޠަލިބު މަކުނުދޫއަށް ވަޑައިގަތުމުން އެއަރޕޯޓުގެ މަސައްކަތް ނުފެށި ލަސްވުމުގެ ކަންބޮޑުވުން އެރަށުގެ ބައެއް ރައްޔިތުން ފާޅުކުރިއެވެ.
ވަޒީރު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެއަރޕޯޓުގެ މަސައްކަތާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއްޠަލިބު ވިދާޅުވީ އެ ރަށުގެ އެއަރޕޯޓުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި މަކުނުދޫގެ އެއަރޕޯޓު ސަރުކާރުން ތަރައްޤީކުރަނީ، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެކަހެރިކޮށް އޮންނަ މަކުނުދޫއަށް ކަނޑު ގަދަ ދުވަހެއްގައި ހދ. ކުޅުދުއްފުށިން ދަތުރުކުރުމަކީ ވެސް ދަތިކަމެކެވެ. މަކުނުދޫ އާ އެންމެ ކައިރީ އޮންނަ އެއާޕޯޓަކީ ވެސް، ދޯނީގައި ތިން ގަޑިއިރުން ދެވޭ ދުރުމިނުގައި އޮތް ކުޅުދުއްފުށި އެއާރޕޯޓެވެ.
މަކުނުދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކާ ނިމިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ނަމަވެސް، ރަންވޭ ހެދުމާއި ޓަރމިނަލް ހެދުންފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ޙަވާލުކޮށްގެން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިންވަނީ މިހާރު ހިއްކާ ނިންމައިފައެވެ. ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބިގް ފިޝް މޯލްޑިވްސްއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.
ހާހެއްހާ މީހުން ދިރުޅޭ މަކުނުދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމުން ދަތުރުފަތުރު ފަސޭހަވުމުގެ އިތުރުން އިޤްތިޞާދީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.