ENGLISH
07 ޖުލައި 2025
މުޖްތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ދޮގު ޚަބަރު ފެތުރުމުން އެއްކިބާވާން ޖެހޭ: ޚުތުބާ
07 ފެބްރުއަރީ 2025
|
މުޖްތަމަޢުއެއް ބިނާކުރުމުގައި އެކަކު އަނެކަކާ މެދު އޮންނަ އުޚްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމައްޓަކައި ދޮގު ޚަބަރުތައް ފެތުރުމުން އެއްކިބާ ވާންޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ.
މުޖްތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކު ކަމުގައި ވަނީ ނަމަ ނަޞްރާއި ކާމިޔާބާއި ހަމައަށް ވާސިލްވުމީ އެ މުޖްތަމަޢަކަށް އެކަށީގެންވާ ކަމެއް ނޫންކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ދޮގު ޚަބަރުތައް ގަބޫލުކުރުމާ ބެހޭ ގޮތުން މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައި މީހުން ވެދާނެތެވެ."
އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް ބައެއްފަހަރު ފެތުރޭ ޚަބަރުތަކުގެ ސަބަބުން އެއްވެސް ކަހަލަ ކުށެއްނެތް މީހުންގެ ވެސް އަބުރު ވެއްޔާ މޮޑެވިގެންދާކަން ހިތާމަޔާއެކު ފާހަގަ ކުރެވެއެވެ. މުސްލިމުންނާމެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމަކީ ވެސް މާތްﷲ މަނާކުރައްވާފައިވާ ކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވަނީ، "ތިޔަބައިމީހުންގެ ދޫތަކުން އެވާހަކަތައް ލިބިގަންނަމުން ދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲގެ ހަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ."
މީގެ އިތުރުން އަޅުގަނޑުމެންނަށް ފުރިހަމަ މުސްލިމަކަށް ވެވޭނީ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ކޮށްގެން ކަމަށް ނަބަވީ އިރުޝާދުގައި ނަސޭހަތްތެރި ވެފައިވާކަމަށް ވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީންކަމަށާއި، އެއްބައިވަންތަކަމަށް ބާރުއަޅައިދީންކަން ފާހަގަކުރައްވާ، އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ދީނުގައި ބަޔާންކުރައްވާފައިވާފަދައިން، އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތްﷲ މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށާއި މުޖުތަމަޢަށްކަމަށާއި، އަދި މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށްކަމުން الله އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ތިމާ ވާސިލުކޮށްދޭ ކޮންމެކަމެއް ކުރުމަށާއި، އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.