ENGLISH

07 ޖުލައި 2025

Advertisement

ރިޔާސީ ދައުރު ފެށޭ ތާރީޚު ބަދަލުކުރުމާ އެކު ޤާނޫނު އަސާސީއަށް މުހިއްމު އިސްލާހުތަކެއް

07 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރިޔާސީ ދައުރު ފެށޭ ތާރީޚު ބަދަލުކުރުމާ އެކު ޤާނޫނު އަސާސީއަށް މުހިއްމު އިސްލާހުތަކެއް މި އަހަރު ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު މުހިއްމު ބިލުތަކެއް ހުށަހަޅުއްވަން ގަސްދުކުރައްވާ ކަމަށެވެ.

އެގޮތުން، ގާނޫނު އަސާސީއަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެއް އިސްލާހަކީ ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށޭ ގޮތަށް ބަދަލުކުރުމާ ގުޅިގެން ޢާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހު ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ އެއީ ރައީސް އިބްރާހީމް ނާސިރު 1968 ވަނަ އަހަރު ވެރިކަމުގެ ހުވާ ކުރެއްވި ދުވަސް ކަމަށްވާތީ އެވެ. އޭގެ ފަހުން ވެރިކަމުގެ އާ ދައުރެއް ފަށަނީ ކޮންމެ ފަސް އަހަރަކަށް ފަހު ނޮވެމްބަރު 11 ގަ އެވެ.

ވެރިކަމުގެ އާ ދައުރު ފަށާ ދުވަސް ބަދަލުވެގެން ދިޔައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ކޯޓުން ބަލަން ފެށުމާއެކު އިންތިޚާބުގެ ފަހު ބުރު ނުބޭއްވި ލަސްވުމުންނެވެ. އެހެންވެ، އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައީސްކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ރައީސްކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.

ރިޔާސީ ދައުރު ފެށޭ ތާރީޚު ނޮވެމްބަރު 11 އަށް ބަދަލުކުރުމުގެ އިތުރުން ޤާނޫނު އަސާސީއަށް ހުށަހަޅުއްވާނެ އިސްލާހުތަކުގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ:

  •  ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން.
  • ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން.

މީގެއިތުރުން ރައީސް ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސްގެ ޚިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު ވެސް މި ފެށުނު ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު