ENGLISH

18 އޭޕްރީލު 2025

Advertisement

ރާމޯސް، މެކްސިކޯގެ މޮންޓެރޭ އަށް ބަދަލުވެއްޖެ

07 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރާމޯސް، މޮންޓެރޭގެ ޖާޒީގައި. --ފޮޓޯ: ރޮއިޓާސް

ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް، މެކްސިކޯގެ ކުލަބު މޮންޓެރޭ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ރާމޯސް، އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް މޮންޓެރޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ ހަތް މަސް ދުވަސް ކުރިން، ރާމޯސްގެ ކެރިއަރު ފެށި ސެވިއްޔާ ދޫކޮށްލުމަށް ފަހު، މިހާތަނަށް ހުރީ އެހެން ކުލަބަކަށް ބަދަލުނުވެއެވެ. މޮންޓެރޭގައި ރާމޯސް ބޭނުންކުރާނީ 93 ނަންބަރު ޖާޒީ އެވެ.

ދެހާސް ތިނެއް އަދި ދެހާސް ހަތަރު ވަނަ އަހަރުގެ ސީޒަނުގައި ސެވިއްޔާ އާ އެކު ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ރާމޯސް ވަނީ އެ ޓީމާއެކު ދެ އަހަރު ހޭދަކޮށްފައެވެ. އެއަށްފަހު، 2005 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ އެ ކުލަބާއެކު 650 އަށް ވުރެ ގިނަ މެޗު ކުޅެ، 22 މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ސްޕެނިޝް ލީގާއި، ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގާއި، ފީފާ ކުލަބް ވޯލްޑް ކަޕް އުފުލާލައިފައިވެއެވެ.

އޭގެފަހުން، 2021 ވަނަ އަހަރު ހިލޭ ޓްރާންސްފަރއެއްގައި ޕީއެސްޖީ އަށް ބަދަލުވެ، ހޭދަކުރި ދެ ސީޒަނުގައި ދެ ފަހަރު ލީގު ޗެމްޕިއަންކަން ހޯދިއެވެ. އެއަށްފަހު، ނިމިދިޔަ ސީޒަން ހޭދަކުރީ ސެވިއްޔާ ގައެވެ.

މިހާތަނަށް ސްޕެއިނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ރާމޯސް ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕާއި ދެ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު