ENGLISH
18 އޭޕްރީލު 2025
ފެރާން ޓޮރޭޒްގެ ހެޓްރިކާއެކު ވެލެންސިއާ ބަލިކޮށް ބާސާ ސެމީ އަށް
07 ފެބްރުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ކޮޕަ ޑެލް ރޭ ގެ ކުއާޓަރ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ފެރާން ޓޮރޭޒް ވައްދާލި ހެޓްރިކާއެކު ވެލެންސިއާ 0-5 އިން ބަލިކޮށް، ބާސެލޯނާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މިދިޔަ ދެ ހަފްތާގެ ތެރޭގައި ބާސެލޯނާ އިން ވެލެންސިއާގެ މައްޗަށް ހޯދި ދެވަނަ ބޮޑު މޮޅެވެ. ބާސެލޯނާ އިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ.
ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި ކުރިން އެ ޓީމަށް ކުޅުނު ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭޒް ވަނީ ހެޓްރިކް ހަދައިފައެވެ.
މެޗުގައި ބާސެލޯނާ އިން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އާއި ލަމީން ޔަމާލް އެވެ.
މި މޮޅާއެކު، ބާސެލޯނާ ވަނީ ވާދަވެރި ރެއާލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސިއެޑާޑް އާއެކު ސެމީން ޖާގަ ހޯދައިފައެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ގުރުނެގުން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.