ENGLISH

22 އޭޕްރީލު 2025

Advertisement

20 ވަނަ މަޖިލިސް ހުވައިކުރެއްވުމާ ހަމައަށް ރައީސަށް ވަޢުދު ފުއްދެވޭނެ މާޙައުލެއް ނެތް: މިނިސްޓަރ ޝިޔާމް

07 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވެވަޑައިގެން މަޤާމުގެ ހުވައިކުރެއްވުމާ ހަމައަށްވެސް ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވޭނެ މާޙައުލެއް ނެތްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ރައީސް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަތަރަކު ވަޒީރަކު ބައިވެރިވެވަޑައިގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ރޭ ބޭއްވި ފޯރަމުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ އޭނާގެ ބަރުލަމާނީ ޙަޔާތްޕުޅުގައި އަދި މަޖިލީހުގެ ރެކޯޑުތަކުންވެސް ފެނިވަޑައިގެންފައި އޮތް އެންމެ ތަފުޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށެވެ. 

ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި އެ ޙާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަން ގަސްތުކުރައްވާ ކަންކަން ރައްޔިތުންގެ މަންދޫބުންގެ ކުރިފުޅުމަތީގައި ބަޔާންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަދާކުރައްވަންޖެހޭ ދުސްތޫރީ ޤަައުމީ ޒިންމާއެއްކަން ފާހަގަކުރައްވަައި ޝިޔާމު ވިދާޅުވީ އެ ޤައުމީ ވާޖިބު ރައީސް ވަރަށް ފުރިހަމައަށް އަދާކުރައްވާފައިވާ ކަމަށެވެ. 

ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ޕާޓީއަށްކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ދިވެހިރާއްޖޭގެ ނިޒާމު ބައްޓަންކޮށްފައި އޮތީ މަޖިލީހުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެހީތެރިވާންޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް ވެރިކަމާ ޙަވާލުވެވަޑައިގެން ގޮސް 20 ވަނަ މަޖިލިސް ހުވައިކުރެއްވުމާ ހަމައަށްވެސް އެފަދަ މާޙައުލެއް ނެތް ކަމަށެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ރައީސްގެ ތަޞައްވުރު ތަންފީޒުކުރެއްވޭތޯ އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ދެކެވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެމަނިކުފާނު ރައްޔިތުންނަށް ހުށަހެޅުއްވި ތަޞައްވުރު ތަންފީޒުކުރެއްވޭނެ މާޙައުލެއް އެވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. 

"30 ސެޕްޓެމްބަރުގައި އިންތިޚާބުވެވަޑައިގެން އެވީ ދުވަސްކޮޅުގެ ތެރޭގައިވެސް އެމަނިކުފާނު ރައްޔިތުންނަށްޓަކައި ގެނެސްދެއްވާފައި މިއޮތް ތަސައްވުރު އެންމެ ފުރަތަމަ ދުވަހުންވެސް ތަންފީޒުކުރެވޭނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު ހެއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި. ނަމަވެސް އެ މާހައުލެއް، އެ ޖާގައެއް އެމަނިކުފާނު ލިބިވަޑައިނުގެންނެވި،" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެން ހޭދަވި ކުޑަ ދުވަސްކޮޅާއި، 2024 ވަނަ އަހަރާ ޚިލާފަށް މިހާރު ކަންކަން ތަންފީޒުކުރެއްވޭނެ މާޙައުލެއް އެބައޮތް ކަމަށެވެ. އެގޮތުން ވެރިކަމުގެ ފަސް އަހަރު ދައުރެއް ދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުވެސް އެމަނިކުފާނަށް ރައްޔިތުން ދެއްވުމާއެކު ރައީސްގެ ތަޞައްވުރު ތަންފީޒުކުރެއްވޭނެ މަގު މިހާރު ފަހިވެފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ ފާއިތުވި 2024 ވަނަ އަހަރު ރައީސް ކުރެއްވި މައިގަނޑު މަސައްކަތްޕުޅަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް ބޭނުންވާ ތަރުތީބުތައް އެކުލަވައިލައްވައި އިންތިޒާމުތައް ހަމަޖެއްސެވުން ކަމަށެވެ. އަދި ފާއިތުވި އަހަރު ޤާއިމުކުރެއްވި ތަރުތީބުތަކުގެ މަތީގައި ޤައުމަށް ބޮޑެތި ކުރިއެރުން ހޯދައިދެއްވުމުގެ އަހަރަކަށް މި އަހަރުވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ މި އަހަރު ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢުތައް ފެއްޓެވިއްޖެނަމަ އެމަނިކުފާނުގެ ދައުރަކީ ތަރައްޤީގެ މޫސުމަކަށްވެގެންދާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު