ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާގެ އެފްބީ ލައިވް- އަޒާން އާއި އައިފާން ވިދާޅުވީ ރައީސް އަކީ ވަޢުދުފުޅުތައް ހަނދުމަފުޅު ނެތޭނެ ބޭފުޅެއް ނޫންކަމަށް

07 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ރައީސް އޮފީހުގެ ސްޕޯރކްސް ޕާރސަން ހީނާ ވަލީދު ފޭސްބުކް ލައިވް ހުށަހަޅުއްވާ ދެއްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ ވަޢުދުފުޅުތައް ހަނދުމަފުޅު ނެތޭނެ ބޭފުޅެއް ނޫންކަން އިއްޔެ އިއްވެވި ރިޔާސީ ބަޔާނުން ސާފުވާކަމަށް ރައީސް އޮފީހުގެ ސްޕޯސް ޕާސަން ހީނާ ވަލީދުގެ ރަސްމީ ފޭސްބުކްއިން ގެނެސްދިން ފުރަތަމަ ލައިވްގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު އަޒާން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ހީނާ ހުށަހަޅައިދެއްވި "ރިޔާސި ބަޔާން 2025" ގެ ލައިވްގައި އަޒާން އާއި އައިފާން ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނަކީ ހުރިހާ ދާއިރާއަކަށް އަލި އަޅުއްވަލައްވާފައިވާ ދިގު ތަފްސީލީ ބަޔާނެއް ކަމަށެވެ. ކުރިން ނޫސްވެރިކަން ކުރެއްވި އަޒާން ވިދާޅުވީ އޭނާގެ ނޫސްވެރިކަމުގެ ހަޔާތުގައިވެސް އެހާ ތަފްސީލީ ބަޔާނެއް އަޑުއިވިޑައިގެންފައިނުވާ ކަމަށާއި، ރައީސް ދެއްވީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މީގެ ކުރިން ބައެއް ރައީސުން ވަޢުދުތައް ހަނދުމަނެތިގެން ގޮސްފައިވާ ކަމަށާއި ރައީސް ޑރ. މުޢިއްޒު ދެމިހުންނެވީ ވަޢުދުފުޅުތަކުގެ މަތީގައި ކަމަށް މިއަދުވެސް ސާފުވެގެން ހިނގައްޖެ ކަމަށެވެ.

"ކުރިން މިސާލަކަށް ރައީސް އިބްރާހިމްގެ ވެރިކަމުގައި އެބޭފުޅުން ވެވަޑައިގަތް ވަޢުދު އެ ބޭފުޅުންވެސް ހަނދުމަފުޅުނެތް، ކުރިން އަޅުނޑު ނޫސްވެރިކަމުގައި އުޅުނުއިރު، ސުވާލުކޮށްލީމަ އެބޭފުޅުން ވެސް ޖެހެނީ ބަލާލަން އެއީ ވެވިފައިއޮތް ވަޢުދެއްތޯ، އަމިއްލަފުޅަން ވެސް ހަނދުމަފުޅެއް ނުހުރޭ، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ފުރަތަމަ އަހަރުތެރޭގައި ފުރަތަމަކޮޅު ފޮތެއް ނެރުއްވާ ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތަށް (ވަޢުދުފުޅުތައް) އާންމު ކުރައްވާފައިވަނީ، އޭގެ ބޭނުމަކީ އެމަނިކުފާނު ހަޤީގަތުގަވެސް އެކަންކަން ހާސިލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވުން،" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމަކަށް ޖުމްލަކޮށް އަލިއަޚުއްވާލައްވާފައިވާ ކަމަށެވެ. އަޒާންގެ ވާހަކައަށް ތާއީދުކުރައްވާ އައިފާން ވިދާޅުވީ މިއަހަރުގެ ބަޖެޓާއެކު ރައީސް ރަނުންރަނަށް ވަޢުދުތައް ފުއްދަވާނެކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އަކީ ރައްޔިތުން ބޭނުންވާ ކަންކަން ދެވެނެވަޑައިގަންނަވާ ބޭފުޅެއްކަން ރިޔާސީ ބަޔާނުންނާއި ރައީސް ފައްޓަވާފައިވާ ރަސްމާލެފަދަ މަޝްރޫއުތަކުން ވެސް އެނގިގެންދާކަމަށެވެ.

ލައިވް ނިންމާލައްވަމުން ހީނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ލައިވް ގެނެސްދެއްވާނެކަމަށެވެ. އަދި ރިޔާސީ ބަޔާނާ ގުޅޭގޮތުން ނުވަތަ ރާއީސްގެ ވަޢުދުފުޅަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވާ ފަރާތަކުން ސްޕޯކްސް ޕާސަންއަށް ޓެކް ކުރައްވާފައި ސުވާލުކުރެއްވުމުން އެކަމާ ބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު