ENGLISH
22 އޭޕްރީލު 2025
ދުންފަތުން ނަގާ ޓެކުހުގެ އާމްދަނީ އެކުގައި ޚަރަދުކުރާނީ ދުންފަތުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާއަށް: ރައީސް
07 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވަނީ، ފޮޓޯ: މަޖިލިސް
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ، އެކީ ބޭނުންކުރައްވާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައިދެއްވަމުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން ދިވެހި މުޖުތަމަޢަކީ ދުންފަަތުގެ އިސްތިޢުމާލުކުރުމުގެ ނުރަނގަޅު އާދައާ ދުރު މުޖުތަމަޢަކަށް ހެެއްދެވުމަށް ކަމަށެވެ.
އަދި އެކަމަށްޓަކައި ތަންފީޒުކުރައްވާނެ ބައެއް ސިޔާސަތުތައްވެސް އެމަނިކުފާނުވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވުމަށް މަދުވެގެން ސިސޭޝަން އެއް ކުލިނިކު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރެއްވުމަށް ހުށަހެޅުއްވިއެވެ.
އޭގެ އިތުރަށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމުގެ ފަރުވާއަށް ބޭނުންވާ ބޭސްތއް ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތަކުން ފަސޭހައިން ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަންކަން ކުރެއްވުމަށް ނިންމަވާފައިވުމާއެކު، ރައީސް އިޢުލާނުކުރައްވާފައިވަނީ ސިނގިރެޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީއާއި ޓެކުސްތައް ބޮޑުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ އެކީ ދުންފަތާ ދުރުހެލިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޚަރަދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެ ކަމަށް ޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތު ކެއާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ހިންގުމަށް،" ރައީސް ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ ޓެކުހަށް ސަރުކާރުން ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރެެއްވިއެވެ. އަދި ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު 50 އިންސައްތައިން 100 އިންސައްތައަށް މަތިކުރެއްވިއެވެ.
މި ބަދަލުތަކާއެކު ބާޒާރުގައި ސިނގިރެޓާއި ދުންފަތުގެ އެހެނިހެން އުފެއްދުންތައް ލިބެންހުރި އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރައްވާފައިވާއިރު ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރެމުން އައި ވޭޕު އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ޤާނޫނަށް ގެންނެވި އިޞްލާޙަކާއެކު ސަރުކާރުންވަނީ މަނާކުރައްވާފައެވެ.