ENGLISH

22 އޭޕްރީލު 2025

Advertisement

ވަރަށް އަވަހަށް އިންތިހާއީ ފަޤީރުކަން ނެތް ދުވަހެއް ދިވެހިން ދެކޭނެ: ރައީސް

06 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމުގައި އިންތިހާއީ ފަޤީރުކަން ނެތިކޮށްލެވިފައިވާ ދުވަސް ވަރަށް ދިވެހިން ދެކޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި، ޒަކާތަކީ އިސްލާމްދީނުގެ އެންމެ މުހިއްމު އެއް ރުކުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ޒަކާތަކީ އިޖުތިމާޢީ ޢަދާލަތުގެ ވަރަށް ޚާއްޞަ އަސާސެެކެވެ. 

އެގޮތުން ޒަކާތުގެ ސަބަބުން ޤައުމުން އިންތިހާއީ ފަޤީރުކަން ނެތިކޮށްލެވި، މާލީ ފުދުންތެރިކަން މުޅި ޤައުމުގައި އަށަގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ސަބަބުން މުޖުތަމަޢުގައި ކުލުނާއި ލޯތްބާއި ހަމްދަރުދީ އަށަަގަންނާނެއެވެ. އަދި އެ ކަންކަމަކީ އިސްލާމީ ތާރީޚުން ސާބިތުވެފައިވާ ޙަޤީޤަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ޒަކާތުގެ ސަބަބުން އިންތިހާއީ ފަގީރުކަން ނައްތާލެވި މާލީ ފުދުންތެރިކަމެއް މުޅި ޤައުމުގައި އަށަގެންނެވޭ. އޭގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ޤާއިމުކުރެވޭ. މިއީ އިސްލާމީ ތާރީޚު ކަށަވަރުކޮށްދީފައިވާ ޙަޤީޤަތެއް.،" ރައީސް ވިދާޅުވިއެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ސަބަބުތަކަށްޓަކައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމަށް ޒަކާތު ހައުސް އުފައްދަވާފައިވާ ކަމަށެވެ. އަދި ޒަކާތު ހައުސްގެ ސަބަބުން ޤަައުމަށް ލިބުނު ފައިދާގެ ތެރެއިން ރައީސް ފާހަގަކުރެއްވީ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމެވެ.  

އޭގެ އިތުރަށް ޒަކާތުުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ގޮތެއްގައި ތަރުތީބުކޮށް ޒަކާތުގެ ލާބައާއި މަންފާ އިތުރުކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ އުޞޫލުތަކާއި ޤަވާޢިދުތައް އެކުލަވައިލެވި ފާސްކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާއަށް ބަލާއިރު، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ޤާއިމުކޮށްދޭން ފަށައިފާ. ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ވާނީ ފާސްކުރެވިފާ.،" 

ރައީސް ވިދާޅުވި ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރެވި ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގައިގަތުމުން ޤައުމުގެ މާލީ އަދި އިޖުތިމާޢީ ޢަދާލަތަށާއި މުޖުތަމަޢުގެ ޢާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ހެޔޮ ބަދަލުތަކެއް އައިސް ރާއްޖޭގައި އިންތިހާއީ ފަޤީރުކަން ނެތް ދުވަހެއް ދިވެހިންނަށް ފެންނާނެ ކަމަށެވެ. 

"ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް،  އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ.،" ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު