ENGLISH
18 އޭޕްރީލު 2025
ނޭމާ އެނބުރި އައި މެޗުން ސަންޓޯސް މޮޅެއް ނުވި
06 ފެބްރުއަރީ 2025
|
ސަންޓޯސް އަށް އެނބުރިއައިސް ނޭމާ (މ) ކުޅެނީ. --ފޮޓޯ: ރޮއިޓާސް
ބާރަ އަހަރުގެ މެދުކަނޑުމަކަށް ފަހު ބްރެޒިލްގެ ތަރި، ނޭމާ އެނބުރި އައިސް އޭނާގެ ކުރީގެ ޓީމު ކަމަށްވާ، ސަންޓޯސް އަށް ކުޅުނު ފުރަތަމަ މެޗުގައި ބޮޓަފޯގޯއާ 1-1 އިން އެއްވަރުވެއްޖެއެވެ.
ބްރެޒިލިއަން ޕައުލިސްޓާ ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސަންޓޯސް އަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ޓިކުއިނޯ ސޮއާރޭސް އެވެ.
ދެވަނަ ހާފުގައި ބޮޓަފޯގޯ އަށް އެއްވަރުކޮށްދިނީ އަލެކްސެންޑާ ޑެ ޖީސޫސް އެވެ.
ފަހު ހާފުގައި ކުޅެން ނުކުމެ، ނޭމާ އަށް ލަނޑު ޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފޭގޮތް ނުވިއިރު، 71 ވަނަ މިނެޓުގައި ނޭމާ އަށް ކުރި ފައުލަކާ ގުޅިގެން ބޮޓަފޯގޯގެ ވޯލިސަން އަށް ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނޭމާ ބުނީ، ސަންޓޯސް އަށް އެނބުރިއައުމަށްފަހު ކުރިމަތިލާންޖެހުނު ފުރަތަމަ މެޗު ވެގެންދިޔައީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. ނޭމާ ވަނީ، ބޮޓަފޯގޯ އިން ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅޭކަން ފާހަގަކޮށްފައެވެ.
ސަންޓޯސް އަށް އެނބުރި އައުމަކީ އޭނާގެ ކެރިއަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްގެ ގޮތުގައި ސިފަކޮށް ނޭމާ ބުނީ، އޭގެ ސަބަބުން އޭނާ އެންމެ ލޯބިވާ ކަންތައް ކަމަށްވާ، ފުޓްބޯޅަ ކުޅުމުގެ ފުރުޞަތުގެ ބޭނުން ހިފައި، އެ ކުލަބާއެކު ކުރިއަށް ގެންދެވޭތީވެ ޚާއްސަ އުފަލެއް ލިބުނު ކަމަށެވެ.