ENGLISH
22 އޭޕްރީލު 2025
ފާއިތުވި އަހަރުގެ ބަޖެޓުން ޚަރަދުކުރެވުނު ގޮތް ރައީސް ތަފުޞީލުކޮށްދެއްވައިފި
06 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ، ފޮޓޯ: ރައީސް އޮފީސް
ފާއިތުވި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވުނު ގޮތުގެ ތަފުޞީލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެދެއްވައިފިއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުމްލަ 53.1 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުކުރެވުނު ގޮތުގެ ތަފުޞީލުތަކަށް އަލިއަޅުވައިލެއްވުމަކީ ކޮންމެހެން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން ބަޖެޓުން ހޭދަކުރެވުނު ކަންކަމުގެ ތަފުޞީލު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ބަޖެޓުގެ ތެރެއިން 34.8 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައި އޮތީ ދައުލަތުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަތަކަށް ނުވަތަ ރިކަރަންޓު ޚަރަދުތަކަށް ކަމުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިކަރަންޓުގެ ޚަރަދުތަކުގެ ތެރެއިން 13.6 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރެއްވީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި ޕެންޝަނަށެވެ. އަދި 4.7 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވަނީ ރިކަރަންޓު ޚަރަދުގެ އިންޓަރެސްޓަށެވެ. އަދި ދައުލަތުގެ އޮޕަރޭޝަނަލް ޚިދުމަތްތަކަށް 6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
"ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވަނީ ރިކަރަންޓް ޚަރަދުތަކަށް. އޭގެ ތެރެއިން 13.6 ބިލިއަން ރުފިޔާއަކީ ދަޢުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ޚަރަދުވި ފައިސާ އަދި 4.7 ބިލިއަން ރުފިޔާ ރިކަރަންޓްޚަރަދުގެ އިންޓަރަސްޓަށް ވަނީ ޚަރަދުވެފައި. ރިކަރަންޓް ޚަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި، ސަބްސިޑީއަށް 10.5 ބިލިއަން ޚަރަދު ވެފައިވާއިރު، އޮޕަރޭޝަނަލް ޚިދުމަތްތައްފަދަ ކަންކަމަށް 6 ބިލިއަން ރުފިޔާވަނީ ޚަރަދުވެފައި.،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރު ކެޕިޓަލް ޚަރަދުތަކަށް 18.3 ބިލިއަން ރުފިޔާ ހޭދަވިއިރު އޭގެ ތެރެއިން 11.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގެވުމަށް ސަރުކާރުން ޚަރަދުކުރެއްވި ފައިސާއެވެ. އަދި ލޯނުތަކުގެ ޕްރިންސިޕަލް އަދާކުރުމަށް 2.3 ބިލިއަން ރުފިޔާ، އިންވެސްޓުމެންޓުތަކަށް 2.1 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރެއްވިއެވެ.
އޭގެ އިތުރަށް ކެޕިޓަލް އިކުއިޕްމެންޓު ގަތުމަށާއި އެފަދަ އެހެނިހެން ތަކެއްޗަށް 1.8 ބިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ލޯނު ދޫކުރެއްވުމަށް 0.7 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޚަރަދުތަކުގެ ތެރެއިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ބޭރުގެ ދަރަނި ދެއްކުމަށް ދެއްކުމަށް ފާއިތުވި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 3.9 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެތެރޭގެ ދަރަނި އަދާކުރުމަށް 3.1 ބިލިއަން ރުފިޔާ ޚަރަދުވިކަމަށް ރައީސް ވިދާޅުވިއެވެ.
"17 ނޮވެންބަރު 2023ގެ ކުރިން ނަގަފައިވާ ލޯނުތައް ދެއްކުމަށް 2024 ވަނަ އަހަރުގެ ބަޖެޓުން ޖުމްލަ 3.9 ބިލިއަން ރުފިޔާ ބޭރުގެ ދަރަނި އަދާކުރަން ޚަރަދުވެފައިވާއިރު، އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި.،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދިވެހި ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލުތަކަށް ފައިސާ ދެއްކުމަށް 6.4 މިލިއަން ރުފިޔާ ފާއިތުވި އަހަރު ޚަރަދުކުރެއްވި ކަމަށެވެ.
"އަދި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާ ހަދާފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި."، ރައީސް ވިދާޅުވިއެވެ.