ENGLISH
22 އޭޕްރީލު 2025
ރައީސް މުއިއްޒަށް ގާސިމްގެ ހިފެހެއްޓުމެއް ނެތް ތައުރީފް
06 ފެބްރުއަރީ 2025
|
ރައީސް މުއިއްޒު ގާސިމްއާއި ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި، އެމަނިކުފާނު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފި އެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މަޖިލީހުގައި މާމިގިލީ ދާއިރާ ތަމްސީލުކުރައްވާ ޤާސިމް ވަނީ، މި ސަރުކާރުގެ ސިޔާސަތުތަކަށާއި ޤައުމުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އެންމެ ގަޔާވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނިންމަވައި އެކަން ކުރުމަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅެވެ.
"އެއީ ވަރަށް ރަނގަޅު ވިސްނުންފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ހަމަ ވަރަށް ރަނގަޅު ވިސްނުންފުޅެއް ކަމަށް. އެހެންނޫންކަމަށްވަންޏާ ވާގޮތަކީ ރައީސް ކަމަށް ކޮންމެވެސް ބޭފުޅަކު ވަޑައިގެން އެބޭފުޅަކު ތިން ހަތަރު މަސް ދުވަސް ފަހުން ސަރުކާރު ހިންގާފަ ރައްޔިތުންގެ މަޖިލީސް އަންނާތީ ސަރުކާރުން، ދައުލަތުން ނުހައްގު ހަރަދުތައް ހިންގާ ނުހައްގު ކަންތައްތަކެއްކޮށް ނުފޫޒުފޯރުވާ، ނުވަތަ އެހެން ނޫން ވެސް ގޮތްގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ދާއިރާތަކަށް ގިނަ ގުނަ ކަންތައްތަކެއް ކޮށްދޭ ވާހަކަ ދައްކަނީ" ގާސިމް ވިދާޅުވި އެވެ.
ހަމައެއާއެކު، ޤައުމުގެ ކަންކަން ހަމަމަގަށް އެޅުއްވުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވެސް ޤާސިމް ތައުރީފް ކުރެއްވި އެވެ. އަދި އެކަން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު ޤައުމުގެ މަޞްލަޙަތު ނަގާލުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ޤާސިމް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
"މިއަދު ޤައުމުގެ މަސްރަހު ގޯސްކޮށްލަން ހަލަބޮލިކޮށްލަން ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް އަޅުގަނޑުމެންގެ ގައުމު ދާނީ ނިކަމެތިވަމުން. މިހާރު ހުރި 2025 ވަނަ އަހަރު މިއަހަރު ދައްކަންޖެހޭ ސުކޫކާއި ލޯނުތަކާއި، ރީޕޭމެންޓުތައް ދައްކާކަށް ފައިސާއެއް ނުލިބޭނެ. އަޅުގަނޑު މި ދަންނަވަނީ ކެރިހުރެގެން ނުލިބޭނެ. މިތަން ހަލަބޮލިވަމުންދިޔަ ވަރަކަށް ނުލިބޭނެ. " އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްވެސް މިފަށަނީ އެމްޑީޕީން. ހަޑި މުޑުދާރުވެގެންވީކަމެއް ވިއްޔާ އެމްޑީޕީ ނޫން ބައެއް ނުފަށާނެ".