ENGLISH
18 އޭޕްރީލު 2025
ދެވަނަ ލެގުގައި ވެސް އާސެނަލް ބަލިކޮށް، ނިއުކާސަލް ލީގު ކަޕްގެ ފައިނަލަށް
06 ފެބްރުއަރީ 2025
|
އާސެނަލްއާ ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އާސެނަލް 2-0 އިން ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމުގެ މެދުގައި މިދިޔަ މަހުގެ ކުރީކޮޅު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ވެސް ނިއުކާސަލް މޮޅުވީ 2-0 އިންނެވެ. މިއާއެކު، ނިއުކާސަލް ފައިނަލުން ޖާގަ ހޯދީ، ދެ މެޗުގެ އެގްރިގޭޓް 4-0 އިން ކުރި ހޯދައިގެންނެވެ.
މިއީ 1955 ވަނަ އަހަރުގެ ފަހުން، އިނގިރޭސި ޑޮމެސްޓިކް ކަޕް މުބާރާތުގެ ތަށްޓެއް ލިބިފައިނުވާ ނިއުކާސަލުން މިދިޔަ ދެ އަހަރުގެ ތެރޭގައި ވާދަކުރާ ދެވަނަ ފައިނަލެވެ. އެ ޓީމު ވަނީ 2023 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެފައެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޭކޮބް މާފީ އާއި އެންތަނީ ގޯޑަން އެވެ. މީގެތެރެއިން، ނިއުކާސަލުން ޖެހި ދެވަނަ ލަނޑަކީ ފަހު ހާފުގެ ކުރީކޮޅު އާސެނަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެ ޓީމުން ކާމިޔާބުކުރި ގޯލެކެވެ.
މި މޮޅާއެކު، ނިއުކާސަލް ވަނީ މި ސީޒަނުގައި މިހާތަނަށް އާސެނަލްއާ ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލުގައި ނިއުކާސަލް ނުކުންނަންޖެހޭނީ ދެވަނަ ސެމީގައި މިރޭ ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕަރ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ލީގު ކަޕްގެ ފައިނަލު އޮތީ އަންނަ މާރިޗް މަހުގެ 16 ވަނަ ދުވަހު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމް ގައެވެ.