ENGLISH
22 އޭޕްރީލު 2025
އުންމީދަކީ މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒަރވް 705.1 މިލިއަން ޑޮލަރަށް އިތުރުވުން: ރައީސް
06 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފާއިތުވި އަހަރު ދައުލަތުގެ ރަސްމީ ރިޒާވް އޭގެ ކުރީ އަހަރަށްވުރެ 14 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރައްވަމުން މި އަހަރު ސަރުކާރުގެ އަމާޒަކީ އަހަރު ނިމޭއިރަށް ދައުލަތުގެ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ އިޤުތިޞާދީ ޙާލަތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ފާއިތުވި އަހަރާ އަޅާބަލާއިރު ހަލުއިވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވާނެ. އެ ގޮތުން 2025ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރަން.،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި 2024 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވް އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 590.5 މިލިއަން ޑޮލަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރުގެ ނިޔަލަށް ރިޒާވް 14 އިންސައްތަ އިތުރުވި ކަމަށާއި، ޖުމްލަ 673.2 މިލިއަން ޑޮލަރު ރިޒާވްގައި ހުރި ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރުގެ ނިޔަލަށް ރިޒާވް ފާއިތުވި އަހަރަށްވުރެ ބޮޑަށް އިތުރުވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 705.1 މިލިއަން ޑޮލަރު ހުންނާނެއެވެ.
"2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން.،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ބޭރު ފައިސާގެ ޤާނޫނާއެކު މާލީ ޙާލަތު ރަނގަޅުކުރެވި ދިވެހި ފައިސާގެ އަގު ހިފަހެއްޓޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ތެރެގައި މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން، ބޭރު ފައިސާއާ ބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސް ވިދާޅުވި ގޮތުގައި މިކަމަށްޓަކައި އެޅުނު އެންމެ މުހިއްމު ފިޔަވަޅެވެ. މި ބަދަލުގެ ހެޔޮ އަސަރު ކައިރި މުސްތަޤުބަލުގައި ދައުލަތުގެ ރިޒާވަށް ވެސް ކުރަން ފަށާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.
މި ޤާނޫނާއެކު މަގުފަހިވެގެންވެގެންދާނެ ކަންކަމަކީ ރައީސް ވިދާޅުވި ގޮތުގައި:
"ޖުމްލަކޮށް ދަންނަވާނަމަ، މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބެންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ. އަދި މިއާއެކު އަމިއްލަ ވިޔަފާރިތަކައި އާއްމު ފަރުދުންގެ އެކި ބޭނުންތަކަށް ޑޮލަރު ލިބުން ފަސޭހަވެ، އެކްސްޗޭންޖު ރޭޓް މެދުވެރިކޮށް ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ"
މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 6.4% އިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވާކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން، ނިމިދިޔަ 2024 ވަނަ އަހަރު ދައުލަތުގެ ރަސްމި ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 14% އިތުރުވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާގެ ގާނޫނަށް މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދަނީ އަމަލުކުރަމުން ނެވެ.