ENGLISH
22 އޭޕްރީލު 2025
ދައުލަތުގައި ތިބި 65 ކުއްޖަކަށް އާއިލީ ވެށްޓެއް ހޯދައިދީފިން: ރައީސް
06 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ.
ދަޢުލަތުގައި ތިބޭ ކުދިން އަނބުރާ ޢާއިލާތަކާއި ޙަވާލުކުރުމަށް 2024 ވަނަ އަހަރު ސަރުކާރުން ފެށި "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 65 ކުއްޖަކު އާއިލީ ވެއްޓަށް ބަދަލުކޮށްފައިވާކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޅާލުމާއި އޯގާވެރިކަމުން ހޯދައިދެވޭ ރައްކާތެރިކަމަކީ ޤައުމަކަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށާއި، ޚާއްޞަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ހެދިބޮޑުވުމަށް އެކަށޭނެ ރަނގަޅު އާއިލީ ވެއްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށެވެ.
"ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ މި ފަދަ ކުދީން ހެދިބޮޑުވުމަށް އެކަށޭނަ ރަނގަޅު ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭން މިހާތަނަށް ޖުމުލަ 65 ކުދިންނަށް ވަނީ ޢާއިލީވެށްޓެއް ހޯދައިދެވިފަ. ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި މަސައްކަތުގެ ތަމްރީނު ފޯރުކޮށްދީ، އެކުދިން ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމެއް ވެސް، މިއަހަރުވާނީ އަލަށް ތަޢާރަފްކުރެވިފަ"
ދިވެހި ޤައުމު ބިނާކުރުމާއި ރައްކާތެރިކަމާއިއެކު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ބުރައެއް އުފުއްލެވީ މި ޤައުމުގެ ޝަރަފްވެރި އިސްރަށްވެހީންކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލެ ސަރަޙައްދުގައި އިސްރަށްވެހީންނަށް ޚާއްޞަކޮށް 'އިސްރަށްވެހިންގެ ނާދީ' ހުޅުވައި މިހާތަނަށް އެތަނުގައި ހިންގި 294 ޕްރޮގްރާމްގައި 6446 ފަރާތެއް ބައިވެރިވެފައިވާކަމަށެވެ.
މާލެ ސަރަޙައްދުގައި ހުޅުވި އިސްރަށްވެހިންގެ ނާދީގެ އިތުރުން ސަރުކާރުން މިހާރު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަށް ވަނަ ޓަވަރުގައިވެސް އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކޮށްފައެވެ.
އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ 'އިސްރަށްވެހިންގެ ހިޔާވަހި' ޕަބްލިކް ޕަރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް މިހާރު އިޢުލާނުކުރައްވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި، އުމުރުން ދުވަސްވެ ޚާއްޞަ ބެލެހެއްޓުންތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ އުފާވެރިކަމާއި އަބުރުވެރިކަން ދެމެހެއްޓުމަށްޓަކައި ޚާއްޞަ ޕްރޮގްރާމްތަކެއް ފަރުމާކޮށް ރާއްޖޭގެ ފަސް އަތޮޅެއްގައި އެ ޕްރޮގްރާމް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ އިބަމަ ޕްރޮގްރާމްގެ ދަށުން ފަސް އަތޮޅެއްގެ 43 ރަށެއްގައި 226 އިޖުތިމާޢީ މަދަދުވެރިން ތަމްރީނުކޮށް އިތުރު ފަސް އަތޮޅުގައި އިބަމަ ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ޢާއިލާތައް ދެނެގަތުމަށް މިހާރު ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން މާލެއާއި އަތޮޅުތެރޭގެ 12،128 ގޭބިސީއަކަށް ސަރުކާރުގެ ޓީމުތަކުން ޒިޔާރަތްކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޭގެއަށް ކުރެވޭ ޒިޔާރަތްތަކަށް ބަލައި، ކަންކަން އިޞްލާޙުކުރެއްވުމަށް އަވަސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި، އެގޮތުން ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އަދާހަމަކޮށް އެއްތަނަކުން ޓްރެކްކޮށް ބެލެހެއްޓޭނެ ނިޒާމެއް މިހާރު ޤާއިމުކުރައްވާފައިވާކަމަށެވެ.