ENGLISH

22 އޭޕްރީލު 2025

Advertisement

ގެވެށި އަނިޔާގެ ޝިކާރީންނަށް ޚާއްޞަ ވަގުތީ ހިޔާތަކުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަން އިޢުލާނުކުރައްވައިފި

06 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީކުރާ ވަގުތީ ހިޔާތަކުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. 

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް މިއަދު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ޤައުމު ތަރައްޤީކުރައްވާނީ ހަމަަ އެއްވެސް ބަޔަކު ބާކީނުކުރައްވައެވެ. 

އެކަމަށްޓަކައި އަންހެނުންގެ ކުރިއެރުމާއި އެކަނބަލުން ބާރުވެރިކުރުމުގެ ފުރުޞަތުތައް ފަހިކުރެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދެއްވުމުގެ ގޮތުން ފާއިތުވި އަހަރު 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ހިންގަވާފައިވާ ކަމަށެވެ. 

"އަހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ވަނީ ތަޢާރަފުކުރެވިފައި.،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ލޯން ސްކީމުގެ ފުރަތަމަ ފިޔަވަހީގައި މިހާތަނަށް 60 ފަރާތަކަށް ޯނު ދޫކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ލޯން ސްކީމުގެ 25 އިންސައްތަ ޚާއްޞަކުރައްވާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކަމަށެވެ. އަދި އެ ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި މި އަހަރު ފައްޓަވާނެކަން އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. 

ރައީސް ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގެވެށި އަނިޔާގެ ޝިކާރީންނަށް ޚާއްޞަ ހިޔާވަހިތަކެއް ޤާއިމުކުރުމަށް ޕްލޭންކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހިޔާވަހި އައްޑޫ ސިޓީގައި ޤާއިމުކުރުމުގެ މަސައްކަތް މި ފެބްރުއަރީ މަހު ފައްޓަވާނެކަން ރައީސް އިޢުލާނުކުރެއްވިއެވެ. އައްޑޫގައި ޤާއިމުކުރާ ހިޔާވަހީގެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ވަނީ ޕްލޭން ކުރެވިފަ. އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫސިޓީގައި ފެށުމަށް މި ފެބްރުވަރީ މަސްތެރޭގައި އިޢުލާނުކުރެވި، 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ.،" ރައީސް ވިދާޅުވިއެވެ. 

އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރެއްވުމަށް 500 ޒުވާނުން ތަމްރީނުކުރެއްވުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރިއަށްގެންދަވަން ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު