ENGLISH
22 އޭޕްރީލު 2025
ޕަބްލިކް ޑިފެންޑަރސް އޮފީހެއްގެ ހިދުމަތް މިއަހަރު ޤާއިމުކޮށްދޭނަން: ރައީސް
06 ފެބްރުއަރީ 2025
|
ޕަބްލިކް ޑިފެންޑަރސް އޮފީހެއް ޤާއިމުކޮށް މި އަހަރުގެ ތެރޭގައި އެ އޮފީހުގެ ޚިދުމަތް ތަޢާރަފުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވަމުން، އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޕަބްލިކް ޑިފެންޑަރސް އޮފީހެއް ޤާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަޚްޞީޞްވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ ޢަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑަރސް އޮފީސް ޤާއިމުކުރުމާބެހޭ ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައި، އެ ނިޒާމް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
" ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރަން އެބަޖެހޭ. މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލާއިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ޤައުމުތަކުގައި "ޕަބްލިކް ޑިފެންޑަރސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާޢީ ވަކީލުންގެ އޮފީހެއް ޤާއިމްކުރެވިފައި ހުރޭ. ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާޢީ ވަކީލުން ހަމަޖައްސައިދެނީ މި އޮފީހުން. މި ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް." ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ. މިކަން ޙައްލުކުރުމަށްޓަކައި، އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތާވަލުކޮށް، މައްސަލަތައް ކުރިއަށް ގެންދިއުމަކީ، މިހާރަށް ނުހަނު މުހިއްމު ކަމެއް ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިކަން ޙައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމަށެވެ. އަދި އޭގެ ބައެއް މަސައްކަތްތައް އެމަނިކުފާނު ވިދާޅުވިއެވެ.
"މިގޮތުން ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓް ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ. ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދިއޭގެ އިތުރު ނަތީޖާއެއްގެ ގޮތުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރަން." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށްވެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް ރަނގަޅު އިޞްލާޙުތައް ގެނެވިގެންދާނެ ކަމަށާއި ހަމަ އެއާއެކީގައި، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ކޯޓުތައް ޤާނޫނީ ނިޒާމު ތެރެއިން ތަޢާރުފު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.