ENGLISH
22 އޭޕްރީލު 2025
ޒުވާން އުމުރު ބޭކާރުވެގެންދާން މަޖުބޫރުވެފައި އޮންނަ ހާލަތަށް ނިމުމެއް ގެންނާނަން: ރައީސް
06 ފެބްރުއަރީ 2025
|
ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރި ނަމަވެސް ޒުވާނުންނަކީ ޤައުމެއްގެ ދިރެމުންދާ އަދި ފޯދެމުންދާ އާބާދީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އެންމެ އަގުހުރި ރައުސުލްމާލަކީ ޒުވާނުން ކަމަށެވެ. ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހަކަތައާއި ވާގިވެރިކަން ކިތަންމެހައިވެސް ބޭނުންތެރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން ކުރައްވަމުންދާ އެންމެ މުހިއްމު އެއް މަސައްކަތުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމެވެ. އެ ޕްރޮގުރާމުގެ މަޤުޞަދަކީ ޒުވާނުންނަކީ އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެއްދެވުންކަމަށްވާތީ، އެކަމަށް ބޭނުންވާ ތަމްރީނުތައް ޒުވާނުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 393 ޒުވާނަކު ތަމްރީނުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ މިހާރުވެސް އިތުރު 114 ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މި ގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމަށް އެ ކަމާ ގުޅޭ ތަމްރީނުތައް ދެމުން އެބަ ގެންދަމު. މިހާތަނަށް 393 ޒުވާނުން ވަނީ ތަމްރީނުކުރެވިފާ. އިތުރު 114 ކުދިން ދަނީ ތަމްރީނުވަމުން.،" ރައީސް ވިދާޅުވިއެވެ.
އަދި ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ސަރުކާރުން ހިންގަވަމުންދާ ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގުރާމުގެ ޕްރޮގުރާމުގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި މިހާތަނަށް 21 ރަށެއްގައި 166 ޒުވާނުން ތަމްރީނުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް 264 ޒުވާނަކު އެ ޕްރޮގުރާމުގެ ދަށުން ތަމްރީނުވަމުންދާކަމަށް ވިދާޅުވިއެވެ.
" ކޮމިއުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި މިހާތަނަށް 21 ރަށެއްގައި 166 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފާ. މި ޕްރޮގްރާމުގެ ދަށުން އިތުރު 264 ކުދިން މިހާރު ވެސް ތަމްރީނުވަމުން އެބަދޭ. ޒުވާނުން މުޖުތަމަޢުގައި ހަވާސާ ވިޔަނުދީ ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުޞަތުތައް އެބަ ފަހިކުރަން.," ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ނޭޝަނަލް ސާވިސްގެ ނިޒާމު ޤާއިމުކުރުމަށް ފުރިހަމަކުރަންޖެހޭ އިދާރީ މާލީ އަދި ޤާނޫނީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކުރެވެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްޕުޅަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ޢިލްމާއި ފަޚުރު ދިރުވައި އާލާކުރައްވައި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރެއްވުމުގެ މަތިވެރި މަޤުޞަދުގައި ކުރައްވާ މަސައްކަތްޕުޅެއް ގޮތަށެވެ. އަދި އަންނަ އޭޕްރީލު މަހުގެ ތެރޭގައި އެ ޕްރޮގުރާމު ފެށޭނެކަން ރައީސް އިޢުލާނުކުރެއްވިއެވެ.
"މިގޮތުން ފާއިތުވި އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި އަޅުގަނޑު އިޢުލާނުކުރިން ޤައުމީ ޚިދުމަތުގެ ނިޒާމެއް އުފައްދާނެ ވާހަކަ. އެ ނިޒާމަކީ ނުވަތަ ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސްއަކީ ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް. މި ޕްރޮގްރާމު މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ.،" ރައީސް ވިދާޅުވިއެވެ.
އަދި އެ ނިޒާމުގެ ތެރެއިން ޤައުމީ ޚިދުމަތަށް ސާބިތުކަމާއި ކެރުމާއެކު ކުރިމަތިލާނެ ރައްޔިތުން ބިނާކޮށް ތަރައްޤީކުރެއްވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ނިޒާމުގެ ތެރެއިން ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި މަސައްކަތްތެރި ބައެއްގެ ގޮތުގައި ނެރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިރިއުޅުމުގައި ކުރާނެ ކަމެއް ނެތި، ގޯޅިގޯޅި ކަންކަންމަތީގައި ކުށުގެ ވެށީގައި ޒުވާން ޢުމުރު ބޭކާރުވެގެންދާން ޒުވާނުން ދޫކޮށްލެއްވެން ނެތް ކަމަށެވެ. އަދި އެ ޙާލަތު ބަދަލުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞިފަކުރެއްވި ގޮތުގައި ޤައުމީ ޚިދުމަތުގެ ނިޒާމު ތަޢާރަފުކުރުމަކީ ޒުވާނުންނާ ދިވެހި ދައުލަތުން ޙަވާލުވުމެވެ.
"ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މިއީ ދިވެހި ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވުން.،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޤައުމީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، މީހުންނަށް އިޙުތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން ބިނާކުރެވޭނެއެވެ. އަދި އެ ނިޒާމުގެ ތެރެއިން، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ޒުވާނުން ބައްޓަންކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
"މި ދިވެހި ޤައުމުގެ ޒުވާނުންނަކީ ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ އަޅުގަނޑު ކުޑަވެސް ޝައްކެއް ކުރާކަމެއް ނޫން. އަޅުގަނޑަށް ދިވެހި ޒުވާނުންނާ މެދު ކުރެވޭ އުންމީދު އެ ޒުވާނުންގެ މައްޗަށް ކުރެވޭ އިތުބާރު އެ އަށްވުރެ މާ މަތިވެރި. ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތައް. އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ.،" ރައީސް ވިދާޅުވިއެވެ.