ENGLISH
22 އޭޕްރީލު 2025
ކުދި ކުށްތަކުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމު: ރައީސް
06 ފެބްރުއަރީ 2025
|
ޖިނާޢީ ކުދި ކުށްތައްކުރާ ފަރާތްތަކުގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާދެއްވައި، އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމު ކަމަށެވެ.
"ނަސޭހަތުގެ އެއްބަސްވުމަކީ ޤާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިޢުތިރާފުވާ ނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމަޢަށް އެނބުރި ރުޖޫޢަވުމަށް ދެވޭ މުހިއްމު ފުރުޞަތެއް. މި އެއްބަސްވުމުގައި އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ހެޔޮ ގޮތުގައި ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާނެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދަޢުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދިކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމަޢަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖިނާއީ ކުދި ކުށްތައް ކުރާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ތަޙުޤީޤުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާޢީ ވަކީލުންނަށް ޚާއްޞަ ތަމްރީންތައް ދިނުންފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކުރުމަށް ގަސްތުކުރައްވާ ކަަމަށެވެ.
"ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ޝަރުޢީ ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަޞީލަތްތައް ބޮޑެތި، ޚައްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން ހުށަހެޅޭ މައްސަލަތައް ނުނިމި ކޯޓުގައި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް އަވަސް ޙައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި ނަސޭހަތުގެ އެއްބަސްވުން ހެދެން ނެތް ޙާލަތްތަކުގައި އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ އުސޫލު ވެސް ބޭނުންކުރާ މިންވަރު އިތުރުކުރަން ނުހަނު ބޭނުންތެރިކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމޭރުމުން ދެއްކެވި ވާހަކަފުޅުގައި މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުމުގެ އެހީގައި ކަމަށާއި އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެން ދާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
"ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް ޤާޟީންގެ ޢަދަދު ކިތަންމެ ގިނަ ކުރިޔަސް މި ދެނިޒާމް ރަނގަޅަށް ނުހިންގާ ޖިނާޢީ ޢަދުލުގެ ނިޒާމަށް އެކަށީގެންވާ ޙައްލެއް ނާންނާނެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.