ENGLISH

18 އޭޕްރީލު 2025

Advertisement

މަލްޓި ސްޓޯރީ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފަށަނީ

06 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ހުޅުމާލޭގައި ޤާއިމުކުރަން ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ، މި އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މަލްޓި ސްޓޯރީ ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާގައި އެންމެ މުހިއްމު އެއް ވަޢުދެވެ.

އެގޮތުން، ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ އިތުރުން ޑްރިފްޓިންގ ސްޓޭޑިއަމާއި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ޤާއިމުކުރާ އިންޓަރނޭޝަނަލް ސަރފިންގެ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފައްޓަވާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުޅުމާލޭގައި ޤާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އާއި މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސްގެ އިތުރުން ޑްރިފްޓިންގ ސްޓޭޑިއަމާއި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ޤާއިމުކުރާ އިންޓަރނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

މީގެއިތުރުން، ބިނާކުރަނިވި އެތައް މަޝްވަރާއަކަށްފަހު 20 އަހަރުގެ ޤައުމީ ކުޅިވަރު ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، ޤައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ޞިއްޙީ ޙިދުމަތްތަކާބެހޭ މިންގަނޑު ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އުފާވެރި ދިރިއުޅުމަކަށްޓަކައި، ޙަރަކާތްތެރިކަމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ފިޓްނަސްއާއި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޭނުންތެރި ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް އަދި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު