ENGLISH
22 އޭޕްރީލު 2025
ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ: ރައީސް
06 ފެބްރުއަރީ 2025
|
މަޖިލީހުގައި، ރައީސް ޑރ. މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ: ތަޢުލީމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރެއްވި. --ފޮޓޯ: މަޖިލިސް
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ ކަމަށް، ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގެ މާޙައުލަކީ އުނގެނުމަށް ފަހި، ދަރިވަރުންނަށް ހިތްގައިމު އަދި އުފާވެރި މާޙައުލަކަށް ހެދުމަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވާކަމެއް ކަމަށާއި، އެގޮތުން ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނިކުރުމަށްޓަކައި ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން، ސަރުކާރު ސްކޫލްތަކުގެ 3,700 އަށްވުރެ ގިނަ ކްލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ މިއަހަރު ފޯރުކޮށްދެއްވައި އެ މަޝްރޫޢު ނިންމަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތެރެއިން މާލެ ސަރަޙައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ތައްޔާރީތައް ވަމުންދާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރު ތަޢުލީމަށް ސަރުކާރުން ކުރެއްވި ހޭދައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފާއިތުވި އަހަރު ޖުމްލަ 15،300 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާސިލްކުރުމަށް 1.26 ބިލިއަން ރުފިޔާގެ މާލީ އެހީ ސަރުކާރުން ހަމަޖައްސައިދެއްވި ކަމަށެވެ. އަދި، ކުރު މުއްދަތުގެ ތަމްރީނުތަކަށް 1،000 ފުރުޞަތު ފަހިކޮށްދީ 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދެއްވި ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓް ފަންޑެން މިހާރު ޤާއިމުކޮށްފައިވާނެ ކަމަށާއި، އެއާއެކު ރިސަރޗް ކައުންސިލެއް އުފައްދަވައި، ރިސަރޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުން ރިޔާސީ ވަޢުދެއްގެ ގޮތުގައި ކަނޑައަޅުއްވައި، ކާޑު ލިމިޓް މިހާރު 1,200 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.