ENGLISH
22 އޭޕްރީލު 2025
ކަނޑާއި އެއްގަމު މަގުންވެސް ޤައުމު ދިފާޢުކުރުމުގެ ޤާބިލުކަން އުފައްދައިދޭނަން: ރައީސް
06 ފެބްރުއަރީ 2025
|
ކަނޑާ އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެވަނަ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދެއްވުމަކީ އެމަނިކުފާނުގެ ޢަޒުމް ކަމަށާއި އަދި އެއީ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކުރައްވާ، ދުވަހަކުވެސް ފަރުވާ ކުޑަކޮށްނުލައްވާނެ ޤައުމީ ވާޖިބެއްކަމަށެވެ.
" މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ ޢަޒުމް. އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް" ރައީސް ވިދާޅުވީއެވެ.
އެގޮތުން އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ ޤާބިލުކަން ދެގުނަކުރައްވައި، ޚިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތްވަނީ ފައްޓަވާފައކަމަށާއި، ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް، 'ސްޕެޝަލް ބޯޓް ސްކޮޑްރަން' 03 ނޮވެންބަރު 2024 ގައި އުފައްދަވައި، ޚިދުމަތްދޭން ފަށާފައިކަމަށެވެ.
ވައިގެމަގުން ވެސް ޤައުމު ދިފާޢުކުރެވެން ޖެހޭކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއަރ ކޯރ، 15 މާރިޗް 2024 ގައި އުފައްދައިފައިވާކަމަށެވެ. އަދި އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ހޯދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކޮށް ގިރިފުށި ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތަށް މިއަހަރުގެ ތެރޭގައި އިތުރުކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަންޖެހޭކަމަށާއި މިއަހަރު ތެރޭގައި ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާއި ހަމައަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ތަރަށްގީކޮށް ވަނީ ހުޅުވާފައެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި ފުލުހުންގެ ޚިދުމަތް މިއަހަރު ޤާއިމުކޮށުރެވޭނެ ކަމަށެވެ. އަދި 20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތުކަމަށެވެ. ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރެވެ.