ENGLISH
22 އޭޕްރީލު 2025
ފެބްރުއަރީ ނިމުމުގެ ކުރިން ފުލެޓު ލިސްޓު ޢާންމުކުރައްވަނީ، ގުޅީފަޅުގައި 4،000 ހައުސިން ޔުނިޓު އަޅަން ފައްޓަވާނެ
06 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީ ސަރުކާރުން އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ ޙައްޤުވެރިންގެ ލިސްޓުގެ ޞައްޙަކަން ކަށަވަރުކޮށް މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ޢާންމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ބޯހިޔާވަހަކީ ދިވެހިންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން އަދި ވަކިން ޚާއްޞަކޮށް ދިވެހިންގެ ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން ޙައްލުކޮށްދެއްވަން އެމަނިކުފާނު އެންމެ ބޮޑަށް އިސްކަންދެއްވާ މައްސަލަ ކަމަށެވެ. އެގޮތުން އެ މައްސަލަ ޙައްލުކުރެއްވުމަށް ދައުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅުނު އެންމެ ބޮޑު ޢަދަދު ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އެމަނިކުފާނު ވެވަޑައިގަންނެވި ވަޢުދުގައި 58 ރަށެއް ހިމެނޭކަމަަށެވެ. އެގޮތުން ބ.އޭދަފުށީގައި 1،000 ހައުސިން އެޅުމަށް މިހާރު ކޮންޓްރެކްޓުގައި ސޮއިކުރެވޮފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބާކީ 57 ރަށުގައި ހައުސިން ޔުނިޓު އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކުރައްވާފަައިވާ ކަމަށެވެ.
އެގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުގައި 12،940 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިނަ ޔުނިޓުތައް ޢިމާރާތްކުރައްވަނީ އާބާދީ ބޮޑު އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށްތަކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުޅުދުއްފުށީ ސިޓީގައި 2،000 ހައުސިން ޔުނިޓާއި އައްޑޫ ސިޓީގެ 6 ރަށެއްގައި 1،100 ހައުސިން ޔުނިޓު އަދި ހދ.ހަނިމާދޫއާއި، ރ.އުނގޫފާރާއި، ކ.ތުލުސްދޫއާއި، ދ.ކުޑަހުވަދޫއާއި، ލ.ގަމާއި، ލ.ފޮނަދޫއާއި ގދ.ތިނަދޫއާއި ފުވައްމަލައް ސިޓީގެ ތެރެއިން ކޮންމެ ރަށެއްގައި 500 ޔުނިޓު ބިނާކުރައްވާނެކަންް ރައީސް ފާހަގަކުރެއްވިއެވެ.
"މީގެ ތެރެއިން ވަރަށް ބޮޑު ބައެއް ޢިމާރާތް ކުރުމަށް ރާވާފައިވަނީ އާބާދީ ބޮޑު އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށްރަށުގައި. އެގޮތުން ކުޅުދުއްފުށި ސިޓީގައި 2000 ޔުނިޓް، އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1100 ޔުނިޓް، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ މިއިން ކޮންމެ ރަށެއްގައި 500 ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ވާނީ އިޢުލާން ކޮށްފާ. އިތުރު 22 ރަށެއްގައި 100 ޔުނިޓަށްވުރެ އިތުރަށް ޢިމާރާތްކުރުމަށް ވަނީ ޢިއުލާންކޮށްފައި. އަދި 100 ޔުނިޓަށް ވުރެ މަދުން ޢިމާރާތް ކުރުމަށް 20 ރަށެއް ވަނީ ޢިއުލާންކޮށްފައި.،" ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް އޮތީ މާލޭގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލެއަކީ ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއަކަށްވީ ނަމަވެސް، ފާއިތުވި މާޒީގައި އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ގޮތުގއި މަސައްކަތްކުރެވިފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެއްވުމަކީ އިޖުތިމާޢީ ރޮނގުން ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަދި ވާޖިބުކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، މި ސަރުކާރުން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރިއަށްގެންދަން.،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު އެ ތަނުގެ ބިން ހިއްކައި 2026 ވަނަ އަހަރުގެ ނިޔަލަށް އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގުހެދުމާއި ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް ފެއްޓެވުންކަމަށް ވިދާޅުވިއެވެ.
"މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން.،"
އޭގެ އިތުރަށް ރައީސް ވިދާޅުވެފައިވަނީ ގުޅިފަޅަކީ ރައްޔިތުންގެ އެތައް އުންމީދަކާ ގުޅިފައިވާ ތަނަކަށްވާތީ، އެތަނުގައި 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގުހެދުމުގެ މަސައްކަތް މިހާރު ޙަވާލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގުޅިފަޅުގައި އިންޑިޔާގެ ލުއި ލޯނުގެ އެހީގައި 4،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ފައްޓަވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ.
"ހަމައެއާއެކު އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން.،" ރައީސް ވިދާޅުވިއެވެ.