ENGLISH
22 އޭޕްރީލު 2025
ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރަން ޚިދުމަތްތަކެއް ތަޢާރަފުކުރަނީ
06 ފެބްރުއަރީ 2025
|
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކޮންމެ ރައްޔިތަކަށް ވެސް، އިތުރު ޚަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރުމަށް މުހިންމު ޚިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތަޢާރަފުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާދެއްވައި، އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އާސަންދަ ޚިދުމަތުގެ "ނަން ފިލާގަނޑު" ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރައްވާނެ ކަމަށެވެ.
"އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިޔާ ބަދަލުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ވަނީ ޔަގީންކުރެވިފައި ކަމަށާއި އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު މުހިއްމު ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފައްޓަވާފައިވާ ކަމަށާއި އަދި ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރި އާއި ނިޒާމީ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރެއްވި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް މި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން، ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށާއި އެހެން ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، އެކަމުގައި ސަރުކާރުން ކުރިއަށް ފިޔަވަޅުއެޅުއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށެވެ.
"އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިޔާ ކަށަވަރުކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިންސާފުވެރި ގޮތް އަބަދު ވެސް އިސްކުރާނަން،" ރައީސް ވިދާޅުވި އެވެ.