ENGLISH
07 ޖުލައި 2025
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާ މީހުންނަށް ލުއިލޯނުގެ ފުރުޞަތު ފަހިކޮށްދެނީ
06 ފެބްރުއަރީ 2025
|
މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އެމަނުކިފާނު ވިދާޅުވީ، ބޭނުންފުޅު ވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެ ޚިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މިފަދަ އެތައް ފުރުޞަތެއް ފަހިކޮށްދިނުން ކަމަށެވެ. އަދި އެމަނިކުފާނު އެކުލަވާލި މަސްވެރިންގެ ޤައުމީ ދަފުތަރުގައި ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އެކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ޒަމާނުއްސުރެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކެއް އެބަހުރިކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސް އިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން، އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނާއި އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ގެ ފިއުލް ޝެޑް ޤާއިމުކޮށް އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާހަވާލުވެވަޑައިގެން މަސްވެރިކަމުގެ ސިނާޢަތަށް ޒަމާނީ އަދި ފާގަތި މުސްތަޤްބަލަކާ ދިމާއަށް ގެންދިއުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.