ENGLISH

22 އޭޕްރީލު 2025

Advertisement

އާ ޓާމިނަލް މިއަހަރު ހުޅުވައި، އިތުރު އެއާޕޯޓްތައް ތަރައްޤީކުރާނަން: ރައީސް

06 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ. މިއަހަރު އާ ޓާމިނަލް ހުޅުވާނެ. ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލަށް އެއާޕޯޓްގެ ޓާމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމާއެކު، އިތުރު އެއާޕޯޓްތައް ތަރައްޤީކުރައްވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އާއްމު ރައްޔިތުންނަށް ޒަމާނުއްސުރެ އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އޮކްޓޫބަރު މަހުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ އިތުރުން، ހަނިމާދޫ އެއާޕޯޓާއި ސ. ގަން އެއާޕޯޓް މިއަހަރު ހުޅުވައި، މ. މުލީގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓް އޭޕްރީލް މަހު ހުޅުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ވަޢުދުފުޅާއި އެއްގޮތަށް، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު އެކި މަރުޙަލާގައި ކުރިއަށްދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން އިތުރަށް ތަރައްޤީކުރުމަށް ނިންމާފައިވާ، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެއާޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން، ކަނޑުމަގުންވެސް ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ  ގޮތް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ދޭން ފަށައި، މިއަހަރުގެ ޖޫން މަހު ރ. އަތޮޅުގައި އަދި ޖުލައި މަހު ބ. އަތޮޅުގައި އެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު