ENGLISH
22 އޭޕްރީލު 2025
ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭގޮތަށް އީ-ފާސް އަޕްގްރޭޑްކުރަނީ: ރައީސް
06 ފެބްރުއަރީ 2025
|
އީ-ފާސް އެޕްލިކޭޝަން
ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ރާއްޖޭގައި ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި ބޭނުންކުރާ އީ- ފާސް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ނެވެ.
ރައީސް ވިދާޅުވީ އީ-ފާސް އެޕްލިކޭޝަންއަކީ ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި ތަރައްޤީކުރެވުނު އެޕްލިކޭޝަނެއް ނަމަވެސް، އެއީ ބައިނަލްއަޤްވާނީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި ހަމަކުރެވޭ މިންވަރަށް ތަރައްގީކޮށްފައިވާ އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ދާއިރާ ވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން ތަރައްގީކޮށް ކުރިއަރުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ އެޕްލިކޭޝަންއަށް ގެނައުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް އަޕްގްރޭޑަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް އެ ސިސްޓަމް ބައްޓަން ކުރުމެވެ.
"އޯޕަން ޑާޓާ ޝެއަރިންގ ޕްލެޓްފޯމް ތަރައްޤީކޮށް ޑިޖިޓަލް އައިޑެންޓިޓީގެ ޒަރިއްޔާއިން ޚިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް މުޅި ސިސްޓަމް ބައްޓަންކުރަން ވަނީ ޖެހިފައި. އެކާވީސް ވަނަ ޤަރުނުގެ ދިވެހިރާއްޖެއަށް މި ޒަމާނީ ބޮޑު ޑިޖިޓަލް އިންޤިލާބީ ބަދަލު ގެންނަން އަޅުގަނޑު ބޭނުން."
މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސް ގަބޫލުފުޅުކުރައްވާ ގޮތުގައި:
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ މި ނިޒާމު ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި، އެއްގޮތަކަށް، އެއް މިންގަނޑަކަށް ގާއިމުކުރާއިރު ދުނިޔޭގައި ކުރިއަރާފައިވާ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ އަމާޒަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަތަރު އަހަރު ދުވަހުގެ މި މަޝްރޫއު ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ތަންފީޒުކުރަން ފެއްޓެވުމެވެ.
ރާއްޖެ ޑިޖިޓަލައިޒްކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އަމާޒަކަށްވާއިރު، ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށްޓަކައި ބޭނުންވާ މައިގަނޑު އަސާސްތައް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވާފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. ހަމައެއާއެކު، އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަރައްގީކުރުމާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުމަށް ވެސް ވަނީ ނިންމަވާފަ އެވެ.