ENGLISH

22 އޭޕްރީލު 2025

Advertisement

ބޭރު ފައިސާގެ ގާނޫނާއެކު މުދަލުގެ އަގު ހިފެހެއްޓިގެންދާނެ: ރައީސް

06 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/ މަޖިލީސް)

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގުކުރެއްވި ބޭރު ފައިސާގެ ޤާނޫނާއެކު މުދަލުގެ އަގު ހިފަހައްޓަން މަގުފަހިވެގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ޙއްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ތެރެގައި މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން، ބޭރު ފައިސާއާ ބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސް ވިދާޅުވި ގޮތުގައި މިކަމަށްޓަކައި އެޅުނު އެންމެ މުހިއްމު ފިޔަވަޅެވެ. މި ބަދަލުގެ ހެޔޮ އަސަރު ކައިރި މުސްތަޤުބަލުގައި ދައުލަތުގެ ރިޒާވަށް ވެސް ކުރަން ފަށާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. 

މި ޤާނޫނާއެކު މަގުފަހިވެގެންވެގެންދާނެ ކަންކަމަކީ ރައީސް ވިދާޅުވި ގޮތުގައި:

  • 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ
  • 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓުކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް 500 ޑޮލަރަށް އިތުރު ކުރެވޭނެ
  • 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ

"ޖުމްލަކޮށް ދަންނަވާނަމަ، މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބެންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ. އަދި މިއާއެކު އަމިއްލަ ވިޔަފާރިތަކައި އާއްމު ފަރުދުންގެ އެކި ބޭނުންތަކަށް ޑޮލަރު ލިބުން ފަސޭހަވެ، އެކްސްޗޭންޖު ރޭޓް މެދުވެރިކޮށް ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ"

މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 6.4% އިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވާކަމަށް ވެސް ވިދާޅުވެފައެވެ.  އެގޮތުން، ނިމިދިޔަ 2024 ވަނަ އަހަރު ދައުލަތުގެ ރަސްމި ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 14% އިތުރުވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާގެ ގާނޫނަށް މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދަނީ އަމަލުކުރަމުން ނެވެ.  

ކިޔުންތެރިންގެ ހިޔާލު