ENGLISH
22 އޭޕްރީލު 2025
ތަރިކައިގެ ޑޭޓާބޭސްއެއް ޤާއިމުކުރައްވާނެކަން ރައީސް އިޢުލާނުކުރައްވަައިފި
06 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ތަރިކަތުގެ މަޢުލޫމާތު އެއްތަނަކުން ފެންނާނެ ޑޭޓާބޭސްއެއް މި އަހަރު ތެރޭގައި ޤާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަހަރަށް ހުޅުވައިދިނުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ ޤައުމެއް ދެމިއޮތުމުގެ ވިސްނުން ނުވަތަ ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެވެސް އެންމެ އަސާސީ ޤައުމީ މަޞްލަޙަތު ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އިޢާދަކުރެއްވުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރި އަހަރެކެވެ. އެގޮތުން ދިވެހި ޤައުމިޔަތުގެ އިސްވަރު އުފައްދަވައި، އެ އިސްވަރުގެ ފުރަތަމަ އަހަރީ މަހާސިންތާ ބޭއްވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދައި، އެ އިސްވަރުގެ ފުރަތަމަ އަހަރީ މަހާސިންތާވަނީ ބޭއްވިފައި. ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދައި، ވިލަރެސްވެރީންނަގައި، ދިރާސާތައްވަނީ ފެށިފައި.،" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ސަަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރިއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އާސާރީ ތަންތަނުގެ 3-ޑީ ސްކޭނިން ހެދުމާއި، އެހެނިހެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ މާއްދީ ތަރިކަ ދަފުތަރުކުރުމުގެ މަސައްކަތް ހަލުއިކުރައްވައި ޢާންމުންނާއި ކިޔަވާ ކުދިންނާއި ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެ ޑޭޓާބޭސްއެއް ޤާއިމުކުރައްވާނެ ކަމުގައެވެ.
އޭގެ އިތުރަށް ރައީސްވަނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަޤާފަތާއި ތަރިކަ ވަކިކޮށް ދެނަގަނެވޭނެ ޔުނިފޯމު ފްރޭމްވޯކެއް އެކުލަވައިލުމުގެ މަސައްކަތް މި އަހަރު ފަށާނެކަން އިޢުލާނުކުރައްވާފައެވެ. އަދި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ސިޔާސަތުގެ ތެރެއިން އުސްގެކޮޅާއި ކަޅުއޮއްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓެރެކްޓިވް އިމާސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ.،" ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރަށް ބޮޑުތަކުރުފާނުގެ އަސަރުތައް ޙިމާޔަތްކުރުމުގެ ބޮޑު ޤައުމީ މަޝްެރޫޢެއް މި އަހަރު ތެރޭގައި ހއ.އަތޮޅުގައި ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދިވެހީންގެ އަމިއްލަވަންތަކަން އިޢާދަކުރުމުގެ ސިޔާސަތުގެ އިތުރަށް އަލަށް ސަރުކާރުން ތަޢާރަފުކުރެއްވި ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހިންގަވާ މަޝްރޫޢެކެވެ.
އަދި ޤައުމިއްޔަތުގެ ދާއިރާއިން މުހިއްމު ބިލުތަކެއް މި އަހަރު މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް އިޢުލާނުކުރައްވާފައިވެއެވެ. އެގޮތުން ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލައި ދިވެހި ބަހަސް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެންނަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލެއްވެސް މި އަހަރު މަޖިލީހަށް ހުށަހަޅުއްވާނެކަން އިޢުލާނުކުރެއްވިއެވެ.