ENGLISH
22 އޭޕްރީލު 2025
ރިޔާސީ ބަޔާން 2025: މި ދައުރުގައި ވަރަށް ގިނަ ކަންތައްތަކެެއް ހާސިލުވާތަން ފެނިގެންދާނެ: އިބްރާހިމް އިސްމާއިލް
06 ފެބްރުއަރީ 2025
|
އިބްރާހިމް އިސްމާއިލް ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަ ދައްކަވަނީ-- ފޮޓޯ/އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދެވަނަ އަހަރު ވަރަށް ގިނަ ކަންތައްތަކެއް ހާސިލުވެގެންދާނެކަމަށް ޤަބޫކުރައްވާކަމަށް ތަޢުލީމީ ދާއިރާ އާއި ކުރިވަރުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން "އެމްއެމްޓީވީ" ގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބޭހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް ވިދާޅުވީ ރައީސް މިއަދު އިއްވެރި ރިޔާސީ ބަޔާނަކީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށާއި އެ ބަޔާނުގެ ސަބަބުން ހިތަށް ތަސައްލީ ލިބިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެމަނިކުފާނުގެ ޒައާމަތުގެ ދެވަނަ އަހަރަކީ ހަގީގަތުގައި ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ފެނިގެންދާނެ ދުވަހެއް ކަމުގައި އަޅުގަނޑު ދެކެނީ، މި ބަޔާނުގެ ތެރެއިން އަލި އަޅުއްވާލައްވާފައި އެބަހުރި ތަރައްޤީގެ ވަރަށް ގިނަ ޕްރޮޖެކްޓުތަކަށް،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ ރިޔާސީ ބަޔާނުގައި މިހާރު ޤައުމުގެ ހާލަތާއި އެ ހާލަތުން އަރައިގަތުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އެކި ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ހުރި ގޮންޖެހުންތަކަށް ރައީސް އަލިއަޅުއްވާލައްވާފައިވާކަމަށެވެ. ޤައުމުގެ ކަންކަން ރަނގަޅު ކުރެއްވުމަށް ޤާނޫނުތަކުގެ ތެރެއިންނާއި އިޖުތިމާޢީ އަދާލަތުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ ކަންކަންވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާކަމަށް އެނާ ވިދާޅުވިއެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ރައީސް ވަރަށް ގިނަ ކަންކަން ކުރައްވަން ނިންމަވާފައިވިނަމަވެސް އެކަންކަން ހާސިލުވާނީ ރައްޔިތުންގެ ފަރާތުން ސަރުކާރުން އެއްބާރުލުންދީގެނެވެ.