ENGLISH

22 އޭޕްރީލު 2025

Advertisement

ހިންގުމުގެ ހޭދަ ކުޑަކުރައްވައި ދައުލަތުގެ ޚަރަދު 32 އިންސައްތަ ދަށަށް

06 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރު، ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހިންގެވުމުގެ ޚަރަދުތައް ފާއިތުވި އަހަރަށްވުރެ ބޮޑުތަނުން ކުޑަކުރައްވައި ޖުމްލަ ހޭދަ 32 އިންސައްތަ ދަށްކުރައްވާފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ޝާއިޢުކުރާ ދައުލަތުގެ މާލީ ޙިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ޚަރަދުކުރައްވާފައިވަނީ 846.4 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރެއްވި 1.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އެއީ 32 އިންސައްތަ ދަށް ޢަދަދެކެވެ. 

ދައުލަތުގެ ޚަރަދުތައް ސަރުކާރުން ކުޑަކުރައްވާފައިވާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުން ކުރެއްވި ޚަރަދު ކުޑަވުމުގެ ސަބަބުން ބަޖެޓު ތަންފީޒުކުރައްވަމުންދަނީ އަރަނީގައެވެ. އެގޮތުން ދައުލަތުގެ ޚަތަދުތަކުގެ ތެރެއިން ދަރަނި އަދާކުރެއްވުމުގެ ޚަރަދުތައް އުނިކުރުމުން 617.9 މިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެފައިވެއެވެ. 

ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ދަރަނި އަދާކުރުމުގެ ޚަރަދުތައް ހިމަނައިގެން އާމްދަނީން ޚަރަދު އުނިކުރުމުން 491.5 މިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބަޖެޓުގެ އަރަނީގެ ގޮތުގައި ރެކޯޑުކުރެވުނު 326.2 މިލިއަން ރުފިޔާއަށްވުރެ 50.6 އިންސައްތަ އިތުރު ޢަދަދެކެވެ. 

ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ރިކަރަންޓު ޚަރަދުތަކަށް ހޭދަވި މިންވަރު ފާއިތުވި އަހަރާ އަޅާބަަލާއިރު 20 އިންސައްތަ ދަށްކުރައްވާފައިވެއެވެ. ނިމުނު އަހަރު ރިކަރަންޓު ޚަރަދުތަކަށް 1.06 ބިލިއަން ރުފިޔާ ޚަރަދުވިއިރު މި އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރައްވާފައިވަނީ 843 މިލިއަން ރުފިޔާއެވެ. 

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި އަދާކުރުމަށް 345.7 މިލިއަން ރުފިޔާ ހޭދަަކޮށްފައިވާއިރު ފައިނޭންސްކުރުމާއި އިންޓަރެސްޓު އަދާކުރުމަށް ހޭދަކުރައްވާފައިވަނީ 126.4 މިލިއަން ރުފިޔާއެވެ. 

މި އަހަރަށް އެކުލަވާލައްވާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރައްވާފައިވެއެވެ. އަދި 49.1 ބިލިއަން ރުފިޔާ މުޅި އަހަރު ތެރޭ ޚަރަދުވާނެކަމަށް އަންދާޒާކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު