ENGLISH
22 އޭޕްރީލު 2025
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
05 ފެބްރުއަރީ 2025
|
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީއިން ތަރައްޤީކުރި އިސްރަށްވެހިންގެ ނާދީއާ ސޯޝަލް މިނިސްޓްރީއިން ޙަވާލުވަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އިސްރަށްވެހިންގެ އިޖުތިމާޢީ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އިސްރަށްވެހިންގެ ނާދީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު މަންސޫރެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ 8 ވަނަ ޓަވަރުގައި، އިސްރަށްވެހިންގެ ނާދީގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ކުރީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުންނެވެ.
އެޗްޑީސީއިން ވަނީ އެ މަރުކަޒު މިއަދު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ޙަވާލުކުރައްވާފައެވެ. މިނިސްޓްރީގެ ފަރާތުން ނާދީއާ ޙަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލްއެވެ.
މިނިސްޓްރީއިން ވިދާޅުވިގޮތުގައި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޤާއިމުކޮށްފައިވާ އެ މަރުކަޒަކީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމުކުރެވިގެން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތަރައްޤީކުރި މަރުކަޒެއް ކަމަށެވެ.
އެ މަރުކަޒުގައި އިސްރަށްވެހިން ފޮތް ކިޔުމަށް ޚާއްޞަ ސަރަޙައްދަކާއި، އިށީނދެ އަރާމުކޮށްލައި ވަގުތު ހޭދަކުރެވޭނެ ޖާގައަކާއި، އިސްރަށްވެހިން ތިބޭނެ އާއްމު ސަރަޙައްދަކާއި، ކެއުން ބުއިމަށް ޚާއްޞަ ސަރަޙައްދެއް ޤާއިމުކޮށްފައިވެއެވެ. އަދި، ނަމާދު ކުރުމަށް ޚާއްޞަ ޖާގައެއްގެ އިތުރުން، އެތަނުގައި އަވަސް ފަރުވާ ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.
ހުޅުމާލޭގެ ނާދީ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެދނުނު 8:00 އިން ހަވީރު 6:00 އަށެވެ.
ދެވަނަ ފިޔަވަހީގައި ހުޅުވި އިސްރަށްވެހިންގެ ނާދީގެ އިތުރުން 2024 ވަނަ އަހަރުގެ ކުރީކޮޅު މާލޭގައި ވެސް ވަނީ އިސްރަށްވެހިންގެ ނާދީއެއް ހުޅުވައިފައެވެ. އެ ނާދީގައި ވެސް އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގައި، އިސްރަށްވެހިން އެ މަރުކަޒުގައި އެކުވެރި މާޙައުލެއްގައި އުޅުމުގެ ފުރުޞަތު އަންނަނީ ފަހިކޮށްދެމުންނެވެ.