ENGLISH
22 އޭޕްރީލު 2025
ތިލަމާލެ ބްރިޖު އަވަސްކުރަން، ޑރ. މުއްޠަލިބު އިންޑިއާ ސަފީރާ މަޝްވަރާކުރައްވައިފި
05 ފެބްރުއަރީ 2025
|
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެކު ޑރ. ޢަބްދުޣ މުއްޠަލިބް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
އިންޑިއާ އިން ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަންއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ޚާއްޞަގޮތެއްގައި ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތަކާއި، އެ މަޝްރޫޢު އަވަސްކުރުމާއި ގުޅޭގޮތުން ޑރ. މުއްޠަލިބު އިންޑިއާ ސަފީރާ މަޝްވަރާކުރެއްވިކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިމަގުގައި އިންޑިއާއާއެކު ކުރެވިދާނެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް ބައްދަލުވުމުގައި ޑރ. މުއްޠަލިބު މަޝްވަރާކުރެއްވި ކަމަށެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ.
އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިން އަޅަމުންދާ ބްރިޖަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ ހޭދަވާނެއެވެ. އޭގެތެރޭގައި ހިމެނެނީ ލޯނުގެ ގޮތުގައި އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ވެރިކަމުގައި ފެއްޓެވި އެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެ، ދައުރު ނިމުނުއިރުވެސް ބްރިޖުގެ ބޮޑު ބައެއް ވަނީ ނުނިމިއެވެ.
ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް އެ މަޝްރޫޢުގެ މަސައްކަތްކުރާ ސައިޓަށް ޒިޔާރަތްކުރައްވައި، ބްރިޖުގެ މަސައްކަތް އަވަހަށް ނިންމަވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.