ENGLISH

22 އޭޕްރީލު 2025

Advertisement

ޓްރަމްޕް ކިތަންމެ ބާރުގަދަޔަސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފެއް ނުވެވޭނެ: ރައީސް މައުމޫން

05 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ވައިޓްހައުސްގައި އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުކުރުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިތަންމެ ބާރުގަދަޔަސް ބައިނަލްއަޤްވާމީ ޤާނޫނާޚިލާފު ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވައިޓްހައުސްގައި ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ފަލަސްތީނުގެ ޣައްޒާއިން އެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކޮށް، ޣައްޒާ އަލުން ބިނާކޮށް، ޣައްޒާ އަލުން ތަރައްޤީކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ޣައްޒާ އަކީ އެމެރިކާގެ އަމިއްލަ ތަނަކަށް ހަދައި އެތަން ތަރައްޤީކުރުމުގެ ވިސްނުން ޓްރަމްޕް ހާމަކުރުމުން މުސްލިމް އާބާދީން އަންނަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެކަމަށާއި އަދި ޣައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތާކަށް ބަދަލުކުރާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.

ޓްރަމްޕަށް އިޝާރަތްކުރައްވައި މައުމޫން ވިދާޅުވީ ކިތަންމެ ބާރުގަދަ މީހަކަށް ވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އެފަދަކަމެއް ކުރެވިގެންނުވާނެ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭނާ ޙަވާލާދީ ނަތަންޔާހޫ ބުނީ، އެއީ ތާރީޚު ބަދަލުކޮށްލާނެ ޕްލޭނެއް ކަމަށާއި، އެ އަޑު އަހަންޖެހޭ ކަމަށެވެ.

ޣައްޒާ ދެމުންގެންދާ އުދުވާނީ ޙަމަލާތަކުގައި އެންމެ އިސް ބައިވެރިންގެ ގޮތުގައި ތިބީ އެމެރިކާ އާއި އިޒްރޭލެވެ. އެ ދެ ޤައުމުގެ އިސް ދެބޭފުޅުން ބައްދަލުކުރައްވައި ފަލަސްތީނުގެ ޣައްޒާ ނެތިކޮށްލުމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަން އިޢުލާންކުރުމާ ގުޅިގެން އެތައް ޤައުމަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު