ENGLISH
22 އޭޕްރީލު 2025
ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަންގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް
05 ފެބްރުއަރީ 2025
|
ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އަދި ވައިސް ޗެއާގެ ހައިސިއްޔަތުން ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަންގެ ރިޔާސަތު ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ބަލަހައްޓަވައިފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީއަކީ 34 ޤައުމެއްގެ ޞިއްޙީ ދާއިރާގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވާ، ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި މުހިއްމު ބޮޑެތި ނިންމުންތައް ނިންމާ، އެ ޖަމްޢިއްޔާގެ ހިންގުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅާ ބޯޑެވެ.
މިނިސްޓަރ ނާޒިމް ޖެނީވާ އަށް ކުރައްވާ މި ދަތުރުފުޅުގެ ހަވާސާގައި ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބައެއް ޤައުމުތަކާއި އެކު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން ބްރޫނާއީގެ މިނިސްޓަރ އޮފް ހެލްތު ޑރ. ހާޖީ މުހައްމަދު އިޝާމް އާއި ބައްދަލުކުރައްވާ ޞިއްޙީ ދާއިރާއިން އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މިނިސްޓަރ އިއްޔެ ވަނީ ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ދެކުނު ކޮރެއާއިން ތަމްރީނު ދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށްޓަކައި، ޑިޖިޓަލް ޙައްލުތައް ތަންފީޒުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމް ޖެނީވާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.