ENGLISH
18 އޭޕްރީލު 2025
އެމްބީއޭ ޗެމްޕިއަންޝިޕް: ރެޕްޓާސް އާއި ކިންގްސް ފެށީ މޮޅަކުން
05 ފެބްރުއަރީ 2025
|
އެމްބީއޭ ޗެމްޕިއަންޝިޕްގެ ތެރެއިން. --ފޮޓޯ: ސިޑިބަރި
އޮނަތިރީސް ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުތަކުން ރެޕްޓާސް ބާސްކެޓްބޯޅަ ކުލަބާއި، ކިންގްސް ބާސްކެޓް ބޯޅަ ކުލަބު މޮޅަކާ އެކު ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގައި ހިމެނޭ ރެޕްޓާސް އިން ވަނީ 89-64 ގެ ތަފާތަކުން ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށްފައެވެ.
މި މެޗު ފެށިގެން ތިންވަނަ ކުއާޓަރ ފިޔަވައި ހުރިހާ ކުއާޓަރއެއްގައި ލީޑުކުރި ރެޕްޓާސް އިން ފުރަތަމަ ކުއާޓަރ ނިންމާލީ 17-10 އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރގައި އެ ޓީމު 32-19 އިން ކުރިހޯދިއިރު، ތިންވަނަ ކުއާޓަރގައި ރޯޔަލްސް ވަނީ 18-15 އިން ކުރިހޯދައިފައެވެ.
މެޗުގެ ފަހު ކުއާޓަރގައި ރެޕްޓާސް ވަނީ 25-17 އިން ކުރިހޯދައި، ފުރިހަމަ މޮޅެއް ހޯދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޕްޓާސްގެ އަހުމަދު ރާއިދު ސަލީމް އެވެ.
މުބާރާތުގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުގައި ޓަލޮންސް ބާސްކެޓްބޯޅަ ކުލަބު އަތުން ކިންގްސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުން ކިންގްސް މޮޅުވީ 134-47 އިންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރގައި 43-08 އަދި ދެވަނަ ކުއާޓަރގައި 32-15 އިން ކުރި ހޯދައި، ކިންގްސް އިން ހާފު ނިންމާލީ 50 ޕޮއިންޓަށް ވުރެ ބޮޑު ލީޑެއްގައި އޮވެގެންނެވެ.
ކިންގްސް އިން ދެންޖެހިގެން އައި ދެ ކުއާޓަރގައި ވެސް ތަފާތު ބޮޑުކޮށް، 29-13 އާއި 30-11 އިން ކުރިހޯދައި، މެޗު ނިންމާލީ 87 ޕޮއިންޓުގެ ފަރަގާއެކު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މުޙައްމަދު ސަބީހު ތަޢުފީޤު އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ވާދަކުރާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނޭ ތިން ޓީމުގެ ތެރެއިން އެއްވަނަ އަށް ދާ ޓީމު އެމްބީއޭ ކަޕަށް ކޮލިފައިވާނެ އެވެ. ޖުމްލަ ފަސް ޓީމާއެކު ކުޅޭ އެ މުބާރާތުގެ ފަސްވަނަ ޖާގަ ލިބޭނީ އެމްބީއޭ ޗެމްޕިއަންޝިޕްގައި ހިމެނޭ ހަތަރު ގްރޫޕުގެ ތެރެއިން ދެވަނަ އަށް ރޭންކް ކުރެވޭ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެކެވެ.