ENGLISH

22 އޭޕްރީލު 2025

Advertisement

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު އެކަނި 12 މީހަކު ޖޫރިމަނާކޮށްފި

05 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު އެކަނި 12 މީހަކު ޖޫރިމަނާކޮށްފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވެގެން ޖޫރިމަނާކުރި މީހުންގެ އަދަދު ފުލުހުން ގެންދަނީ ހާމަކުރައްވަމުންނެވެ. ފުލުހުން ވިދާޅުވީ ވޭޕް ބޭނުންކުރުމުން މިދިޔަ ޖެނުއަރީ 1 އިން 31 ގެ ނިޔަލަށް 14 މައްސަލައެއްގައި 12 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 70،000 ރުފިޔާއެވެ.

އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު 15 އިން 31 ވަނަ ދުވަހުގެ ނިޔަލަށް 17 މީހަކު ވަނީ ވޭޕް ބޭނުން ކުރުމާ ގުޅިގެން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާގެ އަދަދުން އެއީ 90,500 ރުފިޔާއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ޤާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފަ އެވެ. 

ފުލުހުން ވިދާޅުވެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މަޢުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރެއްވުމަށާއި، މި ޤާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. 

ޤާނޫނުގައިވާ ގޮތުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ޤާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަ ކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާ އަށް ބޮޑުވާނެ އެވެ. 

ވޭޕް އެތެރެކުުރުމާއި ބޭނުންކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށްފައިވާ އިރު، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވެސް ބޮޑުތަނުން ބޮޑުކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު