ENGLISH
07 ޖުލައި 2025
ކެންސަރަށް ޝައްކު ކުރެވޭ އަލާމަތެއް ފެނުނީތަ؟ އަވަހަށް ޑޮކްޓަރަށް ދައްކާ!
05 ފެބްރުއަރީ 2025
|
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ކެންސަރު ބައްޔާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް ދިވެހިންގެ ތެރޭގައި އަދިވެސް ފަރުވާކުޑަކޮށްލެވޭ ނުވަތަ މާބޮޑު ސަމާލުކަމެއް ނުދެވޭ އެއް ކަމަކީ މި ބަލީގެ އަލާމާތައް ޝައްކު ކުރެވޭ ހާލުތުގައި ވެސް ޓެސްޓް ނުކުރުމެވެ.
ކެންސަރަށް ޝައްކު ކުރެވޭ އަލާމާތެއް ހަށިގަނޑުން ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަންޖެހެ އެވެ. ނަމަވެސް މި ހާލަތުގައި ބައެއް ދިވެހިން އެއީ އާދައިގެ ކުޑަ ކަމަކަށް ހަދައި، ކަން ފަސޭހަކޮށްލާފައި އެބަހުއްޓެވެ. އޭގެ ނަތީޖާއަކަށްވަނީ ކެންސަރުގެ ކުރީ ކޮޅު އެ ބަލި ޖެހިފައިވާކަން ނޭނގި އިތުރު ހަރުފަތަކަށް ދާފަހުން ފަރުވާ ފަށަން ޖެހުމެވެ. ރޭޑިއޮލޮޖިސްޓުންގެ އެންމެ ބޮޑު އެއް ނަސޭހަތަކީ ކެންސަރުގެ ބަލީގެ ކުރީކޮޅު އެކަން ދެނެގަތުމަށް ހުރިހާ ފަރާތްތަކަކުންވެސް ޓެސްޓްތައް ހެދުމެވެ.
އައިޖީއެމްއެޗްގައި ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ބަސްމާ އިބްރާހިމް ސާބިރު ވިދާޅުވީ ބަލީގެ ކުރީކޮޅު ދެނެގަތުމުން ބައްޔަށް ފަރުވާ ދިނުމަށް ފަސޭހަވެގެންދެ އެވެ. އެބަލި ދެނެގަނެވޭ އެކި ގޮތްތައް ހުންނަކަންވެސް ޑރ. ބަސްމާ ފާހަގަކުރެއްވި އެވެ.
"އުރަމަތީ ކެންސަރު އެއީ އެންމެ ކޮމަން ކެންސަރު ރާއްޖޭގައި. އުރަމަތީގައި އެއްވެސް ގަނޑެއްލުން، އެއްވެސް އުނދަގުލެއްވުން، އެހެންވެއްޖެއްޔާ އަވަހަށް ޑޮކްޓަރަށް ދައްކާލަންވާނެ. ކަރުގައި ނޮޑިއުލެއް އިނދެގެން ހިންދިރުވަން އުނދަގޫވެގެން ނުވަތަ ކަރުގައި އެއްވެސް އުނދަގުލެއް ހުރިއްޔާ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކާލަންވާނެ. އާއްމުކޮށް ދުފާ މީހަކު ނޫނީ ސިނގިރޭޓް ބޯ މީހަކު އަނގައިގެ އެއްވެސް އުނދަގުލެއްވެ، ނޫނީ ކެއްސަންޏާ ވެސް ޑޮކްޓަރަށް ދައްކާލަންވާނެ. އަޅުގަނޑުމެން ރޭޑިއޮލޮޖިސްޓުންނަކީ އެކި ބަލީގެ ތަޙްލީލުކުރާ ބައެއް. ބަލި ތަޙްލީލު ކުރެވޭނީ ޑޮކްޓަރަށް ދެއްކި އެކަށީގެންވާ އެންމެ ރަނގަޅު ތަޙްލީލު ކުރެވިގެން،" ބަސްމާ ވިދާޅުވި އެވެ.
ކެންސަރު ބަލި ކުރިން ދެނެގަނެވިއްޖެ ނަމަ ކުރަންޖެހޭ ސާޖަރީ ކުޑަވެ، ދޭންޖެހޭ ރޭޑިއޭޝަން މަދުވުމުގެ އިތުރުން ކީމޯތެރަޕީ ފަރުވާގެ އަސަރުކުރާލެއް ބޮޑުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުން ސީޓީ ސްކޭން، އެމްއާރުއައި، އަލްޓްރާ ހެދެން ހުންނައިރު މިއީ ކެންސަރު ބަލި ހުރެއްޖެނަމަ ދެނެގަނެވޭނެ ވަސީލަތްތެކެވެ. އަދި ރާއްޖޭގައި ކެންސަރު ބަލި މިހާތަނަށް މި ވަސީލަތްތައް ބޭނުންކޮށްގެން ދެނެގަނެވިފައި އެބަހުއްޓެވެ.
"އަޅުގަނޑުމެންގެ ހޮސްޕިޓަލުގައިވެސް ޑައިގްނޯސިސް ހެދެން އެބަހުރި. ޑައިގްނޯސްޓިކް ޓޫލްސް އެބަހުރި. އެހެންވީމަ ޑޮކްޓަރަށް ދައްކާލާފައި ހެދެންހުރި ތަޙްލީލުތައް ހެދުން މުހިންމު،" ޑޮކްޓަރ ބަސްމާ ވިދާޅުވި އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި ކެންސަރުގެ ހުރިހާ ކޭސްތަކުގެ 30 އާއި 50 ޕަސެންޓާ ދެމެދުގެ ޢަދަދަކީ ބަލިން ރައްކާތެރިވެވޭ ކޭސްތަކެވެ. ކެންސަރު ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ ޚަރަދު ކުޑަ ދިގު މުއްދަތުގެ ސްޓްރެޓެޖީއަކީ އެކަމަށް ދުރާލާ ރައްކާތެރިވުން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ.
ބަލި ދެނެގަތުމަށް ހަދާ ޓެސްޓްތައް ހެދުމުގެ އިތުރުން މި ބަލި ޖެހިދާނެ ނުރަނގަޅު އާދަތަކާ ދުރުވުމަކީވެސް އެހާމެ މުހިންމު، މީހުން ހޭލުންތެރިވާންޖެހޭ ކަމެކެވެ.
ނޭޝަނަލް ކެންސަރ ސެންޓަރުގެ މެޑިކަލް އޮފިސަރ، ޑރ. އައިމިނަތު ޝަފަޤު ވިދާޅުވީ ކެންސަރާ ދުރުވުމަށް ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން ދުފުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމާ އެއްކޮން ދުރުވާން ޖެހެ އެވެ. އަދި މޭވާ އާއި ތަރުކާރީ ދުރުވުގެ ބަދަލުގައި ކެއުމުގެ ތެރޭގައި އެބާވާތްތައް ހިމެނުން އާދައަކަށް ހެދުމަކީ މުހިންމުކަމަކަށްވާއިރު ބައެއް ކާތަކެތި އެއްކޮން ދޫކޮށްލަން ޖެހޭކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. ކުޑަކުދިން ކެންސަރާ ދުރުކުރުމަށް މައިންބަފައިން ވެސް ސަމާލުވާން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. މިއާއެކުވެސް ކެންސަރަށް ސްކްރީން ކުރުމަކީ އެހާ މުހިންމު ކަމެއްކަން ޝަފަޤުވެސް ފާހަގަ ކުރެއްވިއެވެ.
"ސްކްރީން ކުރުމުގެ މާނައަކީ އެއްވެސް އަލާމާތެއް ނެތް ނަމަވެސް ސްކްރީންތަކުގައި ބައިވެރިވުން. އަދި އެވެއާނަންސް ސެޝެނެއް އޮތިއްޔާ ދިއުން އެއީ ވަރަށް މުހިންމުކަމެއް. އޭރުން ކެންސަރާ ބެހޭ މައުލޫމާތު ލިބި އަމިއްލައަށްވެސް ކެންސަރުގެ އަލާމާތްތައް ދެނެގަނެވޭނެ،" އޭނާ ވިދާޅުވިއެވެ.
ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 70 ޕަސަންޓް މީހުނަށް އެބަލި ޖެހިފައިވަނީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ވޯޑް މެނޭޖަރ ފާތިމަތު އިހްސާނާ ފާހަގަ ކުރެއްވި އެންމެ މުހިންމު ކަމަކީވެސް އަހަރަކު އެއްފަހަރު ނަމަވެސް ބޮޑީޗެކަޕެއް ހެދުމެވެ.
"ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ ތިން މަސް ހަތަރު މަސްވާ ފަހުންނޭ މެމޯގްރާމަށް ނަން ނޯޓުކޮށްގެން މި ހެދެނީ، ކީއްކުރަންހޭ އެހާ ގިނަ ދުވަހުން ހެދޭ އެއްޗެއް ނަން ނޯޓުކޮށްގެން ހަދަންވީ. މި ވަގުތު އެމީހަކަށް އެ އުނދަގުލެއް ތަހައްމަލު ކުރަން ނުޖެހޭނަމަ ތިން މަސް މަޑުކޮށްލުމަށްފަހު އެ ހެދުން އެއީ މައްސަލައެއް ނޫން. ސާޅީސް އަހަރުން މަތީ މީހުން މެމޯގްރާމް ހެދުމާއި ރަހިމުގެ ދޮރޮގެ ކެންސަރަށް ސްކްރީން ހެދުމާއި އެހެނިހެން ކެންސަރަށް ޓެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް،" އިހްސާނާ ވިދާޅުވިއެވެ.
ކެންސަރު ރަޖިސްޓްރީގައި މިހާތަނަށް މާލޭ ސަރަހައްދުގައި 1,600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ވަނީ ހާމަކޮށްފަ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލުގައި މިދިޔަ ޖެނުއަރީ މަހު އެކަނި، އަލަށް ކެންސަރު ޖެހިގެން 18 މީހުން ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އެ ހޮސްޕިޓަލުގައި މަހަކު އެވްރެޖްކޮށް 10-15 މީހުން އަލަށް ކެންސަރަށް ރަޖިސްޓްރީ ކުރެ އެވެ.
ކެންސަރު އިތުރުވަމުންދާއިރު ބައްޔަށް ޓެސްޓްކުރުމާއި ޑޮކްޓަރަށް ދެއްކުމުގައި ފަރުވާ ކުޑަނުކުރުމަކީ ކެންސަރުގެ ވާހަކައާއެކު ކޮންމެހެން ދައްކަންޖެހޭ ވާހަކައެކެވެ.