ENGLISH
18 އޭޕްރީލު 2025
ލެގަނޭސްއާ ދެކޮޅަށް ރެއާލްގެ އެމްބާޕޭ އާއި ބެލިންހަމް އަށް ނުކުޅެވޭނެ: އަންޗެލޮޓީ
05 ފެބްރުއަރީ 2025
|
ރެއާލްގެ ކޯޗު، އަންޗެލޮޓީ. --ފޮޓޯ: ގެޓީ އިމޭޖަސް
ކޮޕަ ޑެލް ރޭ ގެ ކުއާޓަރ ފައިނަލުގައި މިރޭ ކުޅެން އޮތް މެޗުގައި ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އަންޗެލޮޓީ މިހެން ބުނީ، ލެގަނޭސްއާ ދެކޮޅަށް ރެއާލް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ފަހަރުގެ ސީޒަނަށް ހިލޭ ޓްރާންސްފަރ އެއްގައި ފްރާންސްގެ ޕީއެސްޖީން ރެއާލަށް ބަދަލުވެ، އެމްބާޕޭ ވަނީ ހުރިހާ މުބާރާތެއްގައި އެ ޓީމަށް ކުޅެދިން 33 މެޗުގައި 21 ލަނޑު ޖަހައިފައެވެ. އަދި، ނިމިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިންގްލެންޑްގެ މިޑްފީލްޑަރު، ބެލިންހަމް ވަނީ 30 މެޗުގައި 10 ލަނޑު ޖަހައިފައެވެ.
އަންޗެލޮޓީ ބުނީ، ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ބެލިންހަމް އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި، އެހެންވެ މިރޭގެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. އެކަމަކު، ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާގެ ރިކަވަރީއަށް އިތުރު ދުވަހެއް ދީފައިވުމުން ލެގަނޭސްއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ ފެންނާނެ ކަމަށް އަންޗެލޮޓީ ބުނެފައިވެއެވެ.
ރެއާލަށް ލަނޑުޖަހައިދިނުމަށްފަހު އެމްބާޕޭ (މ) އާއި ބެލިންހަމް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
"އެމްބާޕޭ ވަނީ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި، އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި." އަންޗެލޮޓީ ބުންޏެވެ.
އެމްބާޕޭ އަށް އެންމެ ފުރިހަމައަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭ ކަމަށާއި، އެހެންވެ މިރޭގެ މެޗުގައި އޭނާ ނުފެންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފައެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ރެއާލް ޓީމުގައި މި ވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާ، އާއި ޑިފެންޑަރުން ކަމަށްވާ، ޑޭވިޑް އަލަބާ އާއި އެންޓޯނިއޯ ރުޑިގާގެ އިތުރުން އެޑާ މިލިޓާއޯ އަދި ޑަނީ ކާވަހާލް ހިމެނެއެވެ.
ރެއާލްގެ ޑިފެންސްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ، އަލަބާ (ކ)، ރުޑިގާ (މ) އާއި މިލިޓާއޯ. މި ތިން ކުޅުންތެރިންވެސް މިވަގުތު ތިބީ އަނިޔާގަ. --ފޮޓޯ: ގެޓީ އިމޭޖަސް
އަންޗެލޮޓީގެ ވާހަކައިގައި ވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ރެއާލަށް ކުޅެން އޮތް މެޗާމެދު ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި، ޚާއްސަކޮށް އެ ޓީމުން އާ ކުޅުންތެރިންތަކެއް ގެނެސް ވަރުގަދަކޮށްފައިވާކަން ފާހަގަކުރިއެވެ.
އަންޗެލޮޓީ ބުނީ، ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން ރެއާލުން ކޮންމެހެން މި ވަގުތަށް ސަމާލުކަންދީ، ވިސްނަންޖެހޭ އިތުރު ކަންތައްތައް ވެސް އެބަހުރި ކަމަށެވެ.
ކޮޕަ ޑެލް ރޭގައި މިރޭ ލެގަނޭސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފަހު، ރެއާލަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ 'މެޑްރިޑް ޑާބީ' އެވެ. މި ދެ ޓީމަކީ ލީގުގެ އެންމެ ކުރީގައި އުޅޭ ދެ ޓީމެވެ. ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 22 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް ފަހަތުން އެތުލެޓިކޯ އޮތީ ދެވަނައިގައެވެ.